ކްރިމިނަލް ކޯޓަށް ހޯދަން އިއުލާންކުރި ފަނޑިޔާރުންގެ އަދަދު ދޭކަށް އިތުރުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އެކޯޓަށް ހޯދަން ނިންމާފައިވާ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަަމަށެވެ. އެގޮތުން މިހާރު އެކޯޓަށް ހޯދަނީ ދެ ފަނޑިޔާރުން ކަމަށް ޖޭއެސްސީން ބުންޏެވެ. ޖޭއެސްސީން ބުނީ އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 16ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ލިޔެކިއުންތައް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ޖޭއެސްސީން އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރީ މި މަހުގެ 6ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ ހައިކޯޓަށް ވެސް ފަނޑިޔާރުން ހޯދަން އިއުލާން ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި 30،000 ލިބިވަޑައިގަންނަވާނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތެއްގެ އުމުރު 25 އަހަރަށްވުރެ ހަގުވެގެން ނުވާނެ ކަމަށް އެ އިއުލާނުގައިވެއެވެ. އަދި މަދުވެގެން ދެ އަހަރު ދުވަހު ގާނޫނީ ވަކީލެއް ނުވަތަ ފަނޑިޔާރެއްގެ މަގާމު އަދާކުރުމުގެ ތަޖުރިބާ ހުންނަންވާނެއެވެ.

ކްރިމިނަލް ކޯޓަށް ހޯދާ ފަނޑިޔާރުންގެ އަދަދު ދޭކަށް އިތުރުކުރަން ނިންމާފައިވާއިރު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި އެކޯޓުގެ ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި މެދު ޖޭއެސްސީ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޫލާސިރާޒު

    ޢެމްއެމްއޭ އިން ލާރި ނަގައިގެންވެސް ބޯގަޅި ސަރުކާރުން ތިކަންތަށް ކުރާތި.

  2. އެމަންޖެ

    ތިޔަމީހުން ތިޔަވައްދަނީ އަންނިމެން ކުރާ ކުއްތައް ފޮރުވަންތަ...؟؟