ކޮވިޑް-19 އާގުޅިގެން އެކި ފަހަރުމަތިން ޓުއަރިޒަަމް މިނިސްޓްރީން ނެރެފައިވާ ބަޔާންތަކާއި އެންގުންތައް ބިނާވެފައިވަނީ އެކިއެކި ކަންކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމަވާ ނިންމެވުންތަކަށް ކަަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިިނިސްޓްރީން މިގޮތަށް ވިދާޅުވީ، މިއަދު ނެރުނު ބަޔާނެއްގައެވެ. އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެފައި ވަނީ، ފަތުރުވެރިންނަށް ހިދުމަތް ދެމުންގެންދާ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށް ޓުއަރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތަކެއް އެ މިނިސްޓްރީއަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އ މިނިސްޓްރީން ވިދާޅުވީ، ޓޫރިސްޓް ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ކަނޑައަޅާފައި އޮންނަ އުސޫލުން ކަމަށެވެ.

އަދިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރރާ އެންމެހައި މުވައްޒަފުންނާއި މެނޭޖްމަންޓުތަކުން ސަރުކާރުގެ އިދާރަތަކުން ނެރޭ އިރުޝާދުތަކަށާއި އެންގުންތަކަށް ކިޔަމަންތެރިކަމާއެކު ބޯލެނބައި، ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް އެ ބަޔާނުގައި ވެެއެވެ.

ފަތުރުވެރިންނަށް ހިދުމަތް ދެމުންގެންދާ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުމާއި، ފަތުރުވެރިންނަށް ހިދުމަތްދޭ އެއްވެސް ފެސިލިޓީއެއް ދިވެހިން ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.