ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރްކަޒުތަކަށް، ދިވެހިރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ކަމަށް ގަލޮޅު ފަރުކަނި ޑޮކްޓަރު އާސމް އަހުމަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އާސިމް މި މަގާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖްގެ މަގާމުގައެވެ. އާސިމް ވަނީ މީގެ ކުރިން މިނިސްޓަރީ އޮފް އެޑިއުކޭޝަންގެ މަގާމު ފުރުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ހިދުމަތް ވެސް ދެއްވާފައެވެ.

ޑޮކްޓަރު އާސިމް އަހުމަދަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލާ އޮފް އާޓްސްގެ އިތުރުން، މާސްޓާ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރު އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.