ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހަކު މިއަދު ވެސް ފުރުވާލައިފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ، ބަންގްލަދޭޝްގެ 200 ރައްޔިތުން އެއާލައިންގެ ފްލައިޓަކުން މިއަދު ފުރުވާލާފައިވާ ކަމަށެވެ. އެ ފްލައިޓަކީ އެގައުމުގެ ވެރިރަށް ޑާކާ އަށް ދާ ފްލައިޓެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނައިރު، ކޮވިޑް-19 އާއި ގުޅިގެން ގައުމަށް ދާން ބޭނުންވެފައިވާ ބިދޭސީންނާއި، ގަވާއިދާއި ހިލާފަށް އުޅެމުން އަންނަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ މި މުއްދަތުގެ ތެރޭގައި އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

އެގޮތުން ބަލާއިރު، މިދިޔަ އޭޕްރީލް މަހުގެ 21 އިން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 4805 މީހަކު މިވަނީ ފޮނުވާލާފައެވެ.

މިގޮތަށް އުޅެމުން އަންނަ ބިދޭސީން ގައުމަށް ފޮނުވާލުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ބަންގްލަދޭޝްގެ އަސްކަރީ މަނަވަރަކާއި އެގައުމުގެ ގައުމީ އެއާލައިނާއި، މޯލްޑިވިއަން އާއި ގުޅިގެން އިކޮނިމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ކަމާއި ބެހޭ އެހެން އިދާރާތަކާއި ގުޅިގެންނެވެ.

ރާއްޖޭގައި އުޅެމުން އަންނަ ބދޭސީ މީހުން އަނބުރާ ގައުމަށް ފޮނުވާލެވިފައިވާއިރު، މިހާތަނަށް ރާއްޖެއިން 1,830 ބިދޭސީ އަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ

    މިކަމުގައި ވަރަށް ބޮޑު ޖަރީމާއެއް ބަޔަކު މީހުން އެބަހިންގާ.. ރިސޯޓްތަކުގައި އަދި ބޮޑެތި ކުންފުނިތަކުގައި އުޅޭ މުވައްޒަފުން ރަށަށް ފޮނުވާލަން ބޭނުންކުރާ ޓޫލްއަކަށް މިކަން ހަދާފި.. އެއްވެސް ހަރަދެއްނުކޮށް ސަރުކާރު ބޮލަށް ހުރިހާކަމެއް ޖަހަނީ..