އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައި އިކޯ ޓޫރިޒަމް ޒޯން ގާއިމް ކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓް އިންޑިއާ ސަރުކާރުގެ ފަރާތުން އައްޑޫސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ އަބްދުލް ޤަފޫރާއި، ހައި ކޮމިޝަނަރ ސަންޖޭ ސުދީރުއާއި، އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މަޖްލިސް މެމްބަރުންނާއި، ފޮރިން މިނިސްޓްރީ، ރައީސް އޮފީސް އަދި އިންޑިއަން ހައި ކޮމިޝަންގެ އިސް އޮފިޝަލުން ވަނީ ބައިވެރި ވެވަޑައިގެންފައެވެ.

އިކޯ ޓޯރިޒަމް ޒޯނުތައް ގާއިމް ކުރުމާއި ގުޅޭ އެމް.އޯ.ޔޫ ގައި ދިވެހި ސަރުކާރާއި، އިންޑިއަން ހައި ކޮމިޝަންއާއި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެވުނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

މި މަޝްރޫއުތައް ކުރިއަށް ގެންދެވެނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް ޕްރޮޖެކްޓް (އެޗް. އައި. ސީ. ޑީ. ޕީ) ގެ ދަށުން ރާއްޖެއަށް ފޯރުކޮށްދެވިފައިވާ 85 މިލިއަން ރުފިޔާ (5.5 މިލިއަން ޑޮލަރު) ގެ އެހީގެ ދަށުންނެވެ.

މި ގްރާންޓްގެ ދަށުން ހިންގޭ މިފަދަ 9 ހައި-އިމްޕެކްޓް މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ. މީގެ ތެރެއިން އައްޑޫ ގާއިމްކުރެވޭ ގޭދޮށު މަސް ޕްލާންޓްތަކުގެ ކޮންޓްރެކްޓް މިހާރު ވަނީ ހަވާލު ކުރެވިފައެވެ.

އަދި 9 މަޝްރޫއު މޮބިލައިޒް ކުރުމަށް ބޭނުންވާ އެޑްވާންސް މިިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވަނީ ގޮތުން ހަވާލުކުރެވިފައެވެ.

ރަސްމިއްޔާތުގައި ވާހަކ ދައްކަވަމުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވީ، މިފަދަ އެޗް. އައި. ސީ. ޑީ. ޕީ މަޝްރޫއު ތަކުގެ ފަހަތުގައިވާ ތިން އޮބްޖެކްޓިވެއްވާ ކަމަށާއި އެއީ ރަށު ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތުގައި ފައިދާ ކުރުވަނިވި ހައި-އިމްޕެކްޓް ވަސީލަތެއް ގާއިމްކުރުމާއި، ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވާ ޒިންމާދާރު ކުރުވާ، ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކުރުމާއި، ރަށުގެ އިގްތިސާދު ކުރިއެރުވުން ކަމަށެވެ.

މީގެ އިތުރުން އައްޑޫގައި ކުރިއަށް ގެންދެވޭ ޓޫރިޒަމް އަދި ފިޝަރީޒްގެ މި އަށް މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީއަށް އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރިއެރުން ލިބި، ވަޒީފާގެ ބާޒާރަށް އިތުރު ފުރުސަތުތަކެއް ތައާރަފް ވާނެކަން ވެސް ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކީކޭ ބުނާނީ

    އައްޑޫ މެމްބަރުން އިސްވެތިބެ ތިކުރީ ހަޑިކަމެއް.

    އައްޑޫ ރައްޔިތުން އިންޑިޔާއިން ކަންކަން ކުރަން އުޅޭގޮތާއި މުޅިން ދެކޮޅު.
    އެއްވެސް ބޭރު ގައުމެއްގެ މިލިޓަރީ ބޭހަކަށް މިގައުމު ވެގެން ނުވާނެ. އެއަށްވުރެ ރީތިކޮށް މި 3ލައްކަ މީހުންނަށް އުޅެވިދާނެ.
    މިނިވަންކަން ހޯދައިދޭން މުހައްމަދު ތަކުރުފާނު ކުރެއްވި ދަތުރު ކުރަން ޖެހިއްޖެއްޔާ އަހަރުމެން އެކަންވެސް ކުރާނަން.

    • އެމްޑީޕީ ބުރޯ

      އެއްކަމެއްވެސް ނުކުރެވޭނެ! ތިހިން ހުސް އަނގަ ތަޅަތަޅާ ހުންނަން ޖެހޭނީ،??