ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ކޮންމެ ދުވަހަކު ވެސް އާންމު ކުރާ ކުރިއަށް އޮތް ދުވަހުގެ ކޯޓުގެ ޝެޑިއުލްގައި މިއަދު ކްރިމިނަލް ކޯޓުގައި ފާރިސް މައުމޫންގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއެއްގެ ޝަރީޢަތް އޮންނަ ކަމަށް ބުނެފިއެވެ. ނަމަވެސް މިހާރު ވަނީ ޝެޑިއުލް އިސްލާހުކޮށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއަށް ބަދަލު ކޮށްފައެވެ.

ފުރަތަމަ އާންމު ކުރި ޝެޑިއުލްގައި ފާރިސްގެ މައްޗަށް ދައުވާ ކުރާ ކަމަށް އޮތް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ގައި އިތުރު ދެބިދޭސީއަކު ވެސް ހިމަނާފައި ވެއެވެ. އިސްލާހް ކޮށްފައިވާ ޝެޑިއުލް ބުނާ ގޮތުން ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ ދެބީދޭސީންގެ ޝަރީޢަތާއި ފާރިސްގެ މައްޗަށް ކުރިއަށް ގެންދާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ ޝަރީޢަތް ވެސް އޮތީ 13:00 ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުނާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް އާއި ގުޅިގެން ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފާރިސްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް މިހާރު އޮތީ ނިމުމަކާއި ކައިރިވެފައެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ މިދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 17 އަހަރުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.