ރާއްޖެ ސޮވެރިން ޑެޓަކަށް ނުދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުގެ ދަރަނީގެ މިންވަރު ސާފުނުވާ ކަމަށާއި ފިނޭންސް މިނިސްޓްރީގައި މިހާރު ހުރި ހިސާބުތަކާއި ރައްޔިތުންގެ މަޖިލީހުގައި ހުރި ހިސާބުތަކާ ދިމާނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ މަޖިލިހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ. އަދި އެ މައްސަލައާ ގުޅިގެން އަމީރު ވަނީ މަޖިލިހަށް ހާޒިރުކޮށްފައެވެ.

މުޅި މަޖިލިސް އެއްކޮށްލައިގެން މަޖިލީހުގައި މިއަދު ހިނގަމުންދާ ކޮމެޓީ ބަހުސްގެ އަމީރުގެ އިތުރުން ކުރީގެ ނައިބު ރައީސް އަދި މިނިސްޓަރު އަބްދުﷲ ޖިހާދާއި ކުރީގެ މިނިސްޓަރު އަހުމަދު މުނައްވަރާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ބައިވެރިވެވަޑައިގަންނަވައެވެ.

އެ ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ބައިވެރިވެވަޑައިގަންނަވަނީ އޮންލައިންކޮށެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން، އަމީރު ވިދާޅުވީ ދައުލަތް ދަރަނިވެރިވާ މިންވަރު އޮޅުން ނުފިލާ ނުވާނެ ކަމަށާއި ދަރަނީގެ ކަންކަން ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއަށް ދާނީ ރަނގަޅަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ދަރަނީގެ މައުލޫމާތު ބެލެެހެއްޓުމާ ގުޅޭ ކަންކަމާއި ހަރަދަށް ޒިންމާވުމުގެ ގާނޫނާއި މާލިއްޔަތު ގާނޫނާ ޚިލާފަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ސަރުކާރުގެ މާލީ ޚަރަދުތަކުގެ ތަފްސީލްތައް ގަވާއިދުން އާންމުކުރަމުންދާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ސިޔާމް މޯލްޑިވްސް އަށް ސަރުކާރުން ދީފައިވާ ލޯނު ޑިފޯލްޓްވުމާ ގުޅޭ ގޮތުން އަމީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ވެސް އެ ގެރެންޓީ ވަނީ ދީފައި ކަމަށެވެ.

މި ސަރުކާރާއި ހަވާލުވި އިރުވެސް ދަރަނި އިތުރުވާ މިންވަރާއި އުފެއްދުންތެރިކަން އިތުރުވާ މިންވަރަށް ވުރެ ދަށްވާނެ ކަމަށް ބުނެފައިވާނެ ކަމަށާއި ސަރުކާރުން ވާނީ އެ ބެންޗްމާކް ހިފަހައްޓާފައި ކަމަށް އަމީރު ވިދާޅުވިއެވެ.

"މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑުމެން ތަފްސީލްކޮށް ކިޔައި ދީފައި ވާނެ ކޮބައިތޯ އަޅުގަނޑުމެންގެ ޑެޓް ސްޓްރެޓެޖީ އަކީ. ކުރިއަށް އޮތް ތަނުގައި ރީފައިނޭންސް ރިސްކް އޮތް ވާހަކަ އާއި އެޗްސްޗޭންޖް ރޭޓް ރިސްކް އޮތް ވާހަކަ އާއި އަދި އެހެނިހެން ރިސްކު އޮތް ވާހަކަ ހުރިވާހަކަ އެކްނޮލެޖް ކޮށްފަ އެޑްރެސް ކުރާނެ ގޮތް ކިޔާދީފަ ވާނެ. އެއީ ޕަބްލިކްކޮށް ފެންނާން ހުރި ތަން. ޔަގީންކަން ދެން މިހާރުގެ ސަރުކާރުން މަސައްކަތް ކުރަން ދައުލަތް އަޅުުގަނޑުމެން މިތާ ތިއްބާ ސޮވަރިން ޑެޓަކަށް ނުދާނެ،" އަމީރު ވިދާޅުވިއެވެ.

ސިޔާމް އަށް ދިން ގެރެންޓީ އާ މެދު އަމީރު އިތުރަށް ވިދާޅުވީ، 14 ޑިސެމްބަރު 2017 ގައި ނ.ދިއްގަރު، އިރުފަން ރިސޯޓް ތަރައްގީ ކުރުމަށް ނަގާފައިވާ 127.5 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ސޮވަރިން ގެރެންޓީ 21 ޖުލައި 2020ގެ ނިޔަލަށް ދައްކާފައި ނުވާތީ، ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން އެ ލޯނު ދެއްކުމަށް ޗައިނާ އެގްޒިމް ބޭންކުން ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

އަދި އެ ލޯނު ޑިފޯލްޓުވެފައިވާ ނަމަ އެ ފައިސާ ދައްކަނީ ކިހިނެއްތޯ ކުރާ ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ އަހުމަދު ޝިޔާމް މޯލްޑިވްސް އާއި، ބޭންކް އޮފް މޯލްޑިވްސްގެ އެކްސްރޯ އެޖެންޓް އަދި ފިނޭންސާއި އެކުވި އެއްބަސްވުމުގެ ދަށުން ހުޅުވާފައިވާ އެކައުންޓަށް 6 އޮަސްޓް 2020ގައި އެ ފައިސާ ދައްކާފައިވާ ކަމަށެވެ.

" ޕްރޮޖެކްޓް މޮނިޓަ ކުރަން ކުއާޓަލީ. ރިޕޯޓްސް ގެންނަން ކުއާޓާލީ. ސައިޓް ވިޒިޓް މިހާތަނަށް ކޮށްފައެއް ނުވޭ. މި އަހަރު ތެރޭގައި ވިޒިޓް ކުރަން ހަމަޖައްސާފަ އޮތީ. އެކަމަކު މިހާރުގެ ހާލަތާއި ގުޅިގެން ނުވެ އޮތީ. މި ޕާޓިކިއުލާ ޕާޓީއަށް ސައިޓް ވިޒިޓް މެންޑޭޓް ކުރެވިފައެއް ނުވޭ. އޮޑިޓް ކުރެވިފައި ވާނީ." އަމީރު ވިދާޅުވިއެވެ.

މުޅި މަޖިލިސް އެއްކޮށްލައިގެން މަޖިލީހުގައި މިއަދު ހިނގަމުންދާ ކޮމެޓީ ބަހުސްގައި ބޮޑަށް ސުވާކު ކުރަމުންދަނީ ސަން ސިޔާމް މޯލްޑިވްސް އަށް ސަރުކާރުން ދީފައިވާ ލޯނު ޑިފޯލްޓްވުމާ ގުޅޭ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބެއްޔާ

    ކަލޭމެން ނުވާނެ ކަމަށް ބުނި ކިތައްކަންވެއްޖެ. ވާނެކަމަށް ބުނި ކިތައްކަން ނުވެއެބައޮތް. ފޮނިކެނޑުން ކަމަކީ.

    40
  2. ހުތް ކުންނާރު

    ހެޔޮ ނުވާނެ އަމީރު ކަމެއް ކޮށްދެންޏާ 29 ޑިސެމްބަރ 2015 ވަނަ ދުވަހު ތިބޭފުޅާ ޓްވީޓް ކޮށްފައި ވާގޮތަށް ޑޮލަރުގެ އަގު 1ޑޮލަރ = 16.30ރ. އަށް ހައްދަވާލަދެއްވާ.

    27
    1
  3. ޢައިސް

    މިއީ ވަ ރަށް މޮޅު އިކޮނޮމިސްޓެއް.

    7
    2
  4. ކެޔޮޅު

    ކަލޭމެންނަށް ވާނެކަމާއި ނުވާނެކަންވެސް ވާނީ އޮޅިފަ ދެން މިގައުމު ސަލާމަތުގެ އަށްސޭރިއަކަށް ގެންދެވޭނެކަމުގެ އުއްމީދެއްނެތް އުއްމީދެއް އޮތްމީހާވެސް ހުރީ ނުހަށްގުން ޖަލުގަ..