އޯލެވެލް އިމްތިޙާނު ބާއްވާ ކޮންމެ ރަށެއްގައި، ސިވިލް ސަރވިސް އިމްތިޙާނު ވެސް ބާއްވަން ނިންމައި، 2018 ވަނަ އަހަރުގެ ނޮވެންބަރު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަންނަން ފަށައިފިއެވެ.

އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 މޭ 14 (މިއަދު) އިން ފެށިގެން 2018 ޖޫން 4 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުންނެވެ. އަތޮޅު ތެރޭގެ ސެންޓަރުތަކުން ބައިވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހިވަޑައިގަންނަވާނީ އެސެންޓަރަކަށް ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ވިދާޅުވެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ހާމަކުރައްވާފައިވާ ގޮތުގައި އެޕްލިކޭޝަން ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން13:30 އަށް އަދި ރަމަޟާން މަހުގައި 10:00 ން 13:45 އަށް ކަމަށެވެ.

ފޯމު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުމަށް ޑީޕީއީ އިން އެދިލައްވައެވެ. އަދި އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންނާއި، އެޑިޕާޓްމަންޓުގެ ވެބްސައިޓުންވެސް ލިބެން ހުންނާނެކަމަށް ވިދާޅުވެއެވެ.