ސަފާރީ އުޅަނދުތަކުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ހެދުމަށް ހުޅުމާލޭގައި ސުންކު ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމުގައި އެސިނާއަތުގެ އެންމެހައި މަސްލަހަތުވެރިން ދަނީ ސަލާމަތީ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ކަމާއި ބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން އިއްޔެ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ބޭނުންވާ ޕީސީއާރު ޓެސްޓް ހެދުމާއި ގުޅޭގޮތުން ޝާއިއު ކުރައްވާފައިވާ ސަރކިއުލަރ އާއި ގުޅިގެން އެ އެސޯސިއޭޝަން އިން ވަނީ ޓޫރިޒަމް މިނިސްޓްރީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި މޯލްޑިވްވެސް ޕޮލިސް ސަރވިސް އާއި ގުޅިގެން ސަފާރީ ތަކުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ހެދުމަށް ހުޅުމާލޭގައި ސުންކު ނެގުމުގެ އިންތިޒާމު ހަމަޖައްސާފައި ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ، ސުންކު ނެގުން އިންތިޒާމު ކުރުމަށް ފަތުރުވެރިންގެ ތަފްސީލުތައް އެ އެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނު މެދުވެރިކޮށް ކުރިއާލާ ހިއްސާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ފަތުރުވެރިން ފުރަން ދާއިރު ޓެސްޓުގެ ނަތީޖާ ލިބޭހާ ވަގުތު ކުރިން ސުންކު ނެގުމަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ފަތުރުވެރިންގެ ތަފްސީލުތައް އީމެއިލް ކުރައްވަން ޖެހޭނީ [email protected] އަށް ނުވަތަ 7970033 އަށް ގުޅުއްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު