ރޭގެ މުޒާހަރާތެރެއިން ހައްޔަރު ކުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ފުލުހަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރުމަށް ފަހު ދޫކޮށްލައިފިއެވެ.

މަހްލޫފް މިއަދު ދެ ގަޑިއެއްގައި ފުލުހަށް ހާޒިރުވުމަށް އަންގާ ޗިޓް ހަވާލުކޮށް ދޫކޮށްލާފައިވާއިރު މުހައްމާވެސް ދޫކޮށްލާފައިވަނީ ފުލުހަށް ހާޒިރުވުމަށް ޗިޓް ހަވާލު ކުރުމަށްފަހުގައެވެ.

މަހްލޫފް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު ހަވީރު ފަހެއް ޖަހާއިރު އާއި ރޭގަނޑު އަށެއް ޖަހާއިރުއެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިން އިރުކާ ބޭހެއްހެން ފުލުސް އޮފީހަށް ހާޒިރުކޮށް އަދި ހައްޔަރުކޮށް ބަންދުކޮށްފައި ނުބޭތިއްބޭކަމީ މާތްﷲ ގެ އިރާދަފުޅާއެކު ކާމިޔާބުވުމުގެ އަލާމަތް ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިއްޔެ މުޒާހަރާ ފެށި އިރު މާލޭގެ އެމްޑީޕީ ހަރުގެ ކުރިމަތިން ފެށި މުޒާހަރާ ރޫޅައިލުމަށް ފުލުހުން ވަނީ ޕެޕޭ ސްޕްރޭ ޖަހައިފައިއެވެ.