މިދިޔަ މަހުގެ ނިޔަލަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވިއްކި ޓީބިލްގެ އަދަދު 2.9 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭ އިން 2.9 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފައެވެ. އެންމެ ގިނައިން ޓީބިލް ވިއްކާފައި ވަނީ ދިވެހި ރުފިޔާއިންނެވެ.

އެގޮތުން ދިވެހި ރުފިޔާއިން 2.4 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާއިރު ޔޫއެސް ޑޮލަރުން ވިއްކާގައި ވަނީ 425 މިލިއަން ރުފިޔާގެ ޓީބިލެވެ. އެއީ 27.5 މިލިއަން ޔޫއެސް ޑޮލަރުގެ ޓީބިލު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިގޮތަށް ޓީބިލު ވިއްކަމުން ދަނީ ދައުލަތުގެ ހަރަދުތަކަށް ފައިސާ ހޯދުމަށެވެ. މިދިޔަ އަހަރުގެ ތެރޭގައިވެސް 4.3 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފައެވެ. އޭގެތެރެއިން 2.3 ބިލިއަން ރުފިޔާގެ ޓީބިލަކީ ޔޫއެސް ޑޮލަރުން ވިއްކާފައިވާ ޓީބިލެވެ.

އެމްއެމްއޭ އިން ޓީބިލް ވިއްކަމުން އަންނައިރު ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް އެމްއެމްއޭ އިން މިދިޔަ ހަތަރު މަހުގެ ތެރޭގައި ދައުލަތަށް ހަތަރު ބިލިއަން ރުފިޔާ ވަނީ އޯވަޑްރޯ ކޮށްދީފައެވެ.

އެމްއެމްއޭ އިން އާއްމު ކޮށްފައިވާ މިދިޔަ މަހުގެ ބެލެންސް ޝީޓުގައި "ސަރުކާރަށް ދޫކޮށްފައިވާ ފައިސާ" ގެ ގޮތުގައި 4 ބިލިއަން ރުފިޔާ ދީފައިވާއިރު މި ފައިސާއަކީ ދައުލަތަށް އެންމެ އެކަށީގެންވާ ގޮތަށް އާމްދަނީ ލިބިފައި ނުވާތީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ދިން ފައިސާއެކެވެ.

އޯވަޑްރޯއެއް ދީފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ދަތިކަން ކުޑަކުރުމަށް އެމްއެމްއޭ އިން 4.2 ބިލިޔަން ރުފިޔާ އޯވަޑްރޯ ކުރުމުގެ ހުއްދަ ދިނުމަށް ފިނޭންސުން މަޖިލީހުގައި އެދުމުން އެކަން އެގޮތަށް ކުރުމަށް މަޖިލީހުން ފާސް ކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާންޗޯރ

    "ޖުލައިގެ ނިޔަލަށް އެމްއެމްއޭ އިން 2.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި" ކަލޭ މިހެން ލިޔޭ 152 ފަހަރު! ލިޔޭ! ހަމަ މިހާރު ލިޔޭ!