ރާއްޖޭގައި އޮތީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ވިދާޅުވީ، ރާއްޖޭގައި އޮތީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، ރާއްޖެއަށް ދިމާވެފައިވާ ހުރިހާވެސް މައްސަލައަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. އަދި ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ނަޝީދު ދެކޭ ހުވަފެނެއް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ހުޅަނގުގެ ސަގާފަތާއި، ހުޅަނގުގެ ނިޒާމްތަކަށް ނިކަން ފޯރި ހުންނަ ބޭފުޅެއް ކަމަށާއި، ވެރިކަމުގައި ހުންނަވައިގެންވެސް ނިޒާމުން ބޭރުން ކަންކަން ކުރުމާއި، އިސްލާމް ދީނާއި، ޤާނޫނު އަސާސީއާއި ހިލާފަށް އެތައް ކަމެއް ނަޝީދު ކޮށްފައިވާކަމަށެވެ. ނަޝީދަކީ ނިޒާމެއް، އުޞޫލެއް ޤަބޫލު ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ނަޝީދަނީ ވަކި ބައެއްގެ ހިތްހަމަޖެހުމަށް ހުރިހާ ކަމެއް ކުރައްވާ ބޭފުޅެއްކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ، އިދިކޮޅުގައި ނަޝީދު ހުންނެވީ ބާކީވެފައި ކަމަށާއި، ނަޝީދަށް މި ޤައުމުގައިވެސް މިހާރު ޖާގައެއް ނެތް ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފެއްޓެވުމުގެ ގޮތުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއަކަށް ފޮނުއްވެވި ވީޑިއޯ މެސެޖެއްގައި، ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަންޖެހޭ ކަމަށާއި ދިވެހިރާއްޖެއާއި މި ރިޔާސީ ނިޒާމް ނުގުޅޭކަން ކަށަވަރުވެއްޖެ ކަމަށާއި، ބާރުގަދަ ރައީސުލްޖުމްހޫރިއްޔާއަށް މުޅި ނިޒާމް ގަނޑުބަނޑުކުރެވޭކަމީ ފެންނަން އޮތް ހަޤީޤަތެއްކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދުގެ މި ވާހަކަތަކާއި ގުޅިގެން، ނަޝީދުވެސް އެ ކޯލިޝަނަކަށް ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ލީޑަރަކަށް ހުންނެވި ޑރ.މުހައްމަދު ޖަމީލު އަހުމަދުވެސް ވަނީ އެކަމާ ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހިން

    ތެދެއް ހަމަ

  2. ބޮކި ބޮކި ބޮކި

    މައްސަލަކީ ހުސް ވަގުން ތިބުމުން.....

  3. ރީޒަން

    ފަލާހުމެންކަހަލަ ބޭފުޅުން ޖާނާމާލް ދޭނެ ގިނަގިނަަައިން ދޯނިފަހަރު ބަންނައްލިބޭތީޔޯ؟؟މަމެންވެސްމުޅިއުމުރުހޭދަކުރީ ބޯހިޔާވަހިކަންހޯދަން މިކަންވެސް މިހާރުތިޔަމުއީޒު ހެދިގޮތުން ކަފުންކޮއްފި؟؟

  4. އެއްކަޅި

    ތިބުނީ ހަމަތެދެއް އެ ނަޝީދު ނުދައްކާނެ ހަމަޖެހޭ އެއްވެސް ވާހަކައެއް

  5. ބަކަރިބޯ

    މި ގައުމުގެ މައްސަލަ އަކީ ވަޑާން ކުރަން ތިބި މީހުން ފޮރޯ އެއްލާލާފަ މަޖުލީހައް ވަދެ ގައުމުގެ މުއްސަންދި ކަމުން ނާޖާއިޒު ގޮތް ގޮތައް މުއްސަންދި ވުން