މާލޭ ސިޓީ ޕާކުގައި ޕޫލަކާއި ވޯޓާ ޕުލޭ ސްޓްރަކްޗާއެއް ހިމެނޭ ގޮތަށް ޕާކެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން އަލުން އިއުލާން ކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އެކަމަށް އަލުން އިއުލާން ކުރަން ޖެހުނީ ކުރިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ކަމަށެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ވާގޮތުގައި، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން މިމަހުގެ 21 ވަނަ ދުވަހު އޮންނާނެ އެވެ. އަދި އެ މަސައްކަތް ކުރުމަށް އަގު ހުށަހަޅަން ޖެހެނީ މިމަހުގެ 27 ވަނަ ދުވަހުގެ 11:30 އަށެވެ.

ސިޓީ ޕާކުގައި ތަރައްގީ ކުރާ ޕާކުގައި އެއް ފޫޓާއި ހަތަރު ފޫޓާ ދެމެދުގެ ފުންމިން ހުންނަ ޕޫލަކާއި ވޯޓާ ޕުލޭ ސްޓްރަކްޗާތައް ހަރުކޮށް ބަލަހައްޓަން ޖެހޭނެއެވެ. އަދި އެތަނުގައި ކުޑަކުދިންނަށް ކުޅެވޭނެ އާލާތްތަކާއި ބެންޗުތައް ވެސް ބަހައްޓަން ޖެހެއެވެ.

އަދި އޭގެ އިތުރުން އެތަނުގައި މަލްޓި ސްޓޯރީ މިކްސް ޔޫސް ބިލްޑިންގް އެއްވެސް ތަރައްގީ ކުރަން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.

އެކި ކަހަލަ ބޭނުންތަކަށް ހާއްސަކޮށްގެން ހަދާ 1000 އަކަ ފޫޓުގެ ތިން ބުރީގެ އެ އިމާރާތުގެ ގްރައުންޑް ފްލޯ ހުންނަން ވާނީ އާންމުންގެ ބޭނުންތަކަށް ހާއްސަ ކޮށްފައި ކަމަށާއި އެތަނުގައި ފާޚާނާ، ޗޭންޖިންރޫމް އަދި ނާސިން ރޫމް ވެސް ހުންނަން ޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ވިދާޅުވިއެވެ.