މީގެ ފަސް މަހެއްހާ ދުވަސް ކުރިން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ފުލުހުންގެ ގައިގައި ބޮޑީ ވޯން ކެމެރާ (ބީޑަބްލިއުސީ) ހަރު ކުރަން ނިންމިކަން ހާމަ ކުރެއްވިއެވެ. އެ ޓުވީޓުގައި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ޔުނިފޯމްގައި ކެމެރާ ހަރުކޮށްފައި ހުރި ފޮޓޯތަކެއް ހުއްޓެވެ.

ފުލުހުންގެ ގައިގައި ކެމެރާ ހަރުކުރުމަކީ ފުލުހުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން، އާންމުންގެ ހިތްތަކުގައި ފުލުހުންނާ މެދު އޮތް އިތުބާރު ދަމަހައްޓައި ނެގެހެއްޓުމުގެ އިތުރުން، ފުލުހުންގެ ފުށުން ހިންގާ އުސޫލާއި ޚިލާފު ކަންކަން މަދުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން ހާމަކުރެއްވިއެވެ.

ކޮމިޝަނަ އޮފް ޕޮލިސްގެ އެ ޓްވީޓާއެކު އެތައް ބައެއްގެ ތައުރީފާއި ރުހުން އެ ނިންމުމަށް ލިބިގެން ދިޔައެވެ. އެ ނިންމުމަކީ މުހިންމު ނިންމުމެއް ކަމާއި، ފުލުހުންގެ ނިޒާމާއި މެދު ކުރެވޭ ސުވާލުތަކާއި ފުލުހުންނާ މެދު ކުރެވޭ ޝަކުވާތައް މަދު ކުރަން އެއީ ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ގަބޫލުކުރި ސިޔާސީ މީހުންނާ އާއްމު މީހުން ވެސް އެހާމެ ގިނައެވެ.

ފުލުހުންގެ ގައިގައި ކެމެރާ ހަރުކުރާ ވާހަކަ އާއި އެކު އާއްމުންގެ ފަރާތުން އެކަމަށް ތައުރީފައި ޝުކުރުގެ ބަސްތައް، މީސްމީޑިއާ އާއި އެހެން ޕްލެޓްފޯމްތަކުގައި ވެސް ދައްކާފައިވެއެވެ. އަދި އަދި އަދަށް ދާންދެން މި ސަރުކާރުގައި ފުލުހުންގެ އިތުބާރު ދަމަހައްޓަން ކުރާ ކަންކަމުގެ ލިސްޓުގެ އެންމެ ކުރީކޮޅުގައި، ނަގާ ކިޔާ އެއް ވާހަކައަކީ އެއީއެވެ.

އެ މަސައްކަތާ މެދު އެއްވެސް ޖަވާބެއް ނުލިބުނު!

ކުރިން ވެސް ފާހަގަކުރި ފަދައިން ފުލުހުންގެ ގައިގައި ކެމެރާ ހަރުކުރުމުގެ މުހިންމުކަން ކޮމިޝަނަ އޮފް ޕޮލިސް އާއި ފުލުހުންގެ އިސްވެރިން އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އައީ ތަކުރާރުކޮށް ދައްކަވަމުންނެވެ. އެހާ މުހިންމު އަދި ހައްސާސް މަސައްކަތެއް ވީހާވެސް ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.

އެހެންކަމުން އެ މަސައްކަތް އޮތް ހިސާބެއް ބަލާލުމަށް ހަފްތާއެއްހާ ދުވަސް ވަންދެން ފުލުހުންނާ ތަކުރާރުކޮށް ސުވާލުކޮށްގެން ވެސް އެ މައުލޫމާތު ފުުލުހުންނަށް ސާފުކޮށެއް ނުދެވުނެވެ. ދާއިމީ ގޮތެއްގައި ފުރަތަމަ ސަފުގެ ފުލުހުންގެ ގައިގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު އޮތް ހިސާބެއް ސާފުކުރުމަށް ސުވާލުކުރުމުން ކޮންމެ ފަހަރަކުވެސް ފުލުހުން ވިދާޅުވީ އެ މައުލޫމާތު ސާފުކުރުމަށްފަހު ގުޅުއްވާނެ ކަމަށެވެ.

ނަމަވެސް ހަފްތާއެއް ވީއިރުވެސް ފުލުހުންގެ ގައިގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާކަން، ނޫނީ ނުދާކަން އަދި ކުރިއަށް ނުދާ ނަމަ އެކަމުގައި ދިމާވާ ދަތިތަކަކީ ކޮބާކަން ވެސް ސާފުކޮށެއް ނުދެވުނެވެ.

ބޮޑީ ކެމެރާ މުހިންމު ވަނީ ކީއްވެ؟

ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކޮށްފައި ހުންނަ އިރު އެންމެ ފުޅާ ދާއިރާއެއްގައި ފުލުހުންގެ ގައިގަ ކެމެރާ ހަރުކޮށްފައިވާ އެއް ގައުމަކީ އެމެރިކާއެވެ. އެގޮތުން އެމެރިކާގެ ހުރިހާ ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކޮށްފައި ހުންނަކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކެނެޑާ، އޮސްޓްރޭލިއާ އަދި ސިންގަޕޫރު ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފުލުހުންގެ ޔުނީފޯމްގައި ކެމެރާ ހަރުކޮށްފައި ހުރެއެވެ.

ފުލުހުންގެ ގައިގައި ކެމެރާ ހަރުކުރުމަކީ ފުލުހުންނާއި އާއްމު މީހުންގެ އަމަލުތައް ވެސް ބަލަހައްޓާ މޮނިޓަ ކުރުމަށް ލިބޭ ބާރެކެވެ. އެގޮތުން އެއްވެސް ފުލުހަކު ފުލުހުންނަށް ދީފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުން ނުކުރާކަން ކަށަވަރު ކުރުމާއި އާއްމުން ފުލުހުންނަށް ފުރައްސާރަ ނުކުރާކަން ޔަގީންކުރުމަށް މި ވަސީލަތް ބާރު އަޅައެވެ. އަދި އެފަދަ އަމަލެއް ހިނގައިފި ނަމަ އެކަމުގެ ހެކި ސާބިތުކަމާއި އެކު ލިބެން ހުރެއެވެ.

ރާއްޖޭގައި މާޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ފުލުހުންގެ ފަރާތުން އާންމުންނަށް ތަފާތު އެކިވަރުގެ ގެއްލުން ލިބުނުކަމުގެ ރިޕޯޓްތައް ފެންނާން އެބަހުއްޓެވެ. އެގޮތުން ހައްޔަރުކުރުމުގެ ތެރޭގައި އާއި ހައްޔަރުކުރުމަށް ފަހު، އަދި މުޒާހަރާ ކޮންޓްރޯލް ކުރުމުގައި އެކަށީގެންވާ މިންވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުން ކުރުމާއި، އާއްމުންގެ ގައިގައި ތަޅާ އަނިޔާ ކުރުން ފަދަ ކަންކަން ހިނގާފައިވާކަން ތާރީޚަށް ބަލާލުމުން އެނގެއެވެ.

ހަމައެހެންމެ މުޒާހަރާ ކޮންޓްރޯލް ކުރަން ދާ ފުލުހުންނާއި އާއްމު ޚިދުމަތުގައި އުޅޭ ފުލުހުންނަށް ވެސް އާއްމުންގެ ފަރާތުން އެކިވަރުގެ އަނިޔާ ލިބިފައިވާކަން އެއީ އެނގެން އޮތް ކަމެކެވެ. އޭގެ ތެރޭގައި އިންސާނީ ކަރާމާތަށް ހުތުރުވާ ފަދަ އަމަލުތަކުން ފެށިގެން ޖިސްމަނީ އަނިޔާތައް ދިނުން ފަދަ މައްސަލަތަކަށް ދާންދެން ވަނީ ފެންމަތިވެފައެވެ.

ކަން މިހެން ހުރި އިރު ބޮޑީ ކެމެރާ ހަރުކުރުމަކީ މިހުރިހާ ކަމަކަށް ވެސް އޮތް ހައްލަކަށް ވެގެންދާނެއެވެ. ފުލުހުންގެ ނަޒާހަތްތެރިކަމާއި، އިހުލާސްތެރިކަމާއި އެކު ކުރެވޭ ސުވާލުތައް ނިމުމަކަށް ގެނެސް، ފުލުހުންނަށް އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށާއި، ފުލުހުންގެ ކަރާމާތާއި ސަލާމަތު ކަށަވަރުކުރުމަށް ވެސް ފުލުހުންގެ ގައިގައި ކެމެރާ ހަރުކުރުން އެއީ އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ބޮޑީކެމެރާ އާއި މެދު އާއްމުންގެ ޚިޔާލު ހުރިގޮތަކީ ކޮބައިބާ؟

ބޮޑީ ކެމެރާ ބޭނުންކުރުމަކީ ރަނގަޅުކަމެއްކަމަށް ގިނަ އާއްމުން އެއްބަސްވާ ހިނދު ނަޒާހަތްތެރިކަމާއި އިޚުލާސްތެރިކަން އިސްކޮށްގެން މަސައްކަތް ނުކުރާ ނަމަ ޓެކްނޮލޮޖީގެ ބޭނުން ހިފުމަކުން އެކަނި ކަންކަން އިސްލާހު ނުވާނެ ކަމަށް ބައެއް މީހުން ފާހަގަކުރެއެވެ. ބޮޑީ ކެމެރާ އާއި މެދު އާއްމުން ދެކޭ ގޮތް ހަަމައެކަނި މީސްމީޑިއާއަށް ބަލާލުމުން ވެސް އެނގެއެވެ.

އެގޮތުން ކުރިން ހިނގާފައިވާ ބައެއް ކަންކަމަށް ބަލާއިރު ފުލުހުންގެ ފަރާތުން މީހަކަށް އަނިޔާ ލިބުނުކަމަށް ބުނާއިރު، އެ ތުހުމަތު ކުރެވޭ ފުލުހުން ގިނަ ފަހަރު އެކަމަށް ކުރަނީ އިންކާރެވެ. އަދި މުޒާހަރާގައި އަނިޔާ ލިބުނުކަމަށް ފުލުހުންނާއި އާއްމުންވެސް ބުނާ އިރު އެ ތުހުމަތުތައް ސާބިތުކުރެވޭނެ އިތުބާރު ހިފޭ މާ ގިނަ ގޮތްތަކެއް ނޯވެއެވެ. ދާދިފަހުންވެސް ވަނީ ފުލުހުންގެ ގަޔަށް މުޒާހަރާގެ ބައިވެރިން ހަތްޕުނޑު ޖެހިކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައެވެ. މިފަދަ ބައެއް ކަންކަން ހިނގުމުން އެކަން ހައްލުކުރަން އޮތް މަގަކީ ބޮޑީކެމެރާ ހަރުކުރުން ކަމަށް އާއްމުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުުލުހުން މީހުން ހައްޔަރުކުރުމުގައި އަމަލުކުރާ ގޮތަށް ފާރަވެރިވުމަށް ވެސް ބޮޑީ ކެމެރާ ބޭނުންކުރެވޭނެ ކަން އާއްމުން ފާހަގަކުރެއެވެ. ހަމައެހެންމެ މިހާރު ފުލުހުންނަށް ޓޭޒާ ބަޑި ދިނުމުގެ މަޝްވަރާ ކުރެވޭ އިރު، ބޮޑީ ކެމެރާގެ ބޭނުން އިތުރަށް ޖެހިފައިވާކަމަށް ބައެއް އާއްމުން ވަނީ ބުނެފައެވެ.

ބޮޑީކެމެރާ ހަރުކުރުމުގެ ވާހަކަ ފުލުހުންގެ އިތުރުން ކޮމިޝަނަ އޮފް ޕްރިޒަންސްވެސް ވަނީ ޖޫން މަހުގެ ތެރޭގައި ދައްކަވާފައެވެ. ނަމަވެސް އަދި އަމަލީ ސިފައެއްގައި އެ މަސައްކަތް ފެށުނުކަން އެ ފަރާތުންވެސް ހާމައެއް ނުކުރައްވައެވެ. އެނގިފައިވާ ގޮތުން މިހާރުވެސް ފުރަތަމަ ސަފުގެ ބައެއް ފުލުހުން ޓްރައިއަލް އުސޫލުން ބޮޑީ ކެމެރާ ހަރުކޮށްގެން، މަސައްކަތް ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޝާމިން

  މީ ރައްޔިތުންނަށް ދަޅަ ދައްކަން ދެއްކި ވާހަކައެއް. ގިނަ ފުލުހުން ތި ކެމެރާއެއް ހަރުކުރާކަށް އެއްބަހެއް ނުވޭ! ކިހިނެއް ވެވޭނީވެސް އެއިރިށް ރައްޔިތުންނަށް މިމީހުންގެ އަނިޔާވެރިކަން ފެންނާނެ ތާ!

  10
  1
 2. ހާނިމް

  ލަންކާގަވެސް ބައެއް ފުލުހުން މި ވައްތަރު ކެމެރާ އަޅައިން އުޅޭ. ރާއްޖެއަށް ވަރަށް ބޭނުންތެރިކަމެއް މިއީ.

  4
  1
 3. ކަރަންޓު ފަންކާ

  މަ ނިދާއިރު ތިޔާގެ ކެމެރާއެއް އަޅާގެން ނިދަނީވެސް. ވައްކަން ކުރާވަރުން

  7
  1
 4. މަނިކު

  މިކަންކުރަން ލަސްވެއްޖެ.

  3
  1
 5. ކެޕޭ

  ޕޮލިސް ތިކަން ކުރަން ރަނގަޅު!

 6. އެމަންޖެ

  ނަސީދު ގައިގަ އަދި ހާއްސަކޮއް މި މޑޕ ބޭފުޅުން ގައިގަ ތިޔައެއްޗެއް ހަރުކުރަންވީ އޭރައް ދައުލަތުގެ ފައިސާއައް ވާގޮތް އިނގިދާނެހެން ހީވަނީ.