ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މާސްކް އެޅުން މަޖުބޫރު ކުރީ ރާއްޖެ އަލުން ފުރަބަންދަކަށް ދާން ބޭނުން ނުވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ތަޖުރިބާ ކުރަން ޖެހިފައި ވަނީ ފަސޭހަ ތަޖުރިބާއެއް ނޫން ކަމަށެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އާންމު ދިރިއުޅުމުގައި ކުރިމަތިވެފައި ވަނީ އުނދަގޫ ގޮންޖެހުންތަކެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ފިޔަވަޅުތައް ބިނާ ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ދުނިޔޭގެ އެކި ގައުމުތަކުން ފިޔަވަޅުތައް އެޅުމުގައި ދޭ އިރުޝާދުތަކަށް ކަމަށް ވެސް އަމީން ވިދާޅުވިއެވެ. އަދި ދެ ވަނަ ކަމަކަށް ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ގޮސް ނުކަތާ ވަރަށް ނުގޮސް ކުރިއަށް ދެވޭނެ މަގެއް ހޯދުމާއި ރައްޔިތުންގެ ފުރާނަ ސަލާމާތް ކުރުމާއި ގިނަ ބަޔަކު "ބީވެގެން" ނުދިއުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ކަމަށް ވިދާޅުވިއެވެ.

"މާސްކް އެޅުމަކީ ދުނިޔޭގެ ހުރިހާ ދިރާސާތަކާއި ހުރިހާ ފަންނީ ބޭފުޅުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ގަބޫލު ކުރާ ގޮތުގައި މި ފެތުރުން ލަސް ކުރުމަށާއި ބަލިން ސަލާމަތް ކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި މާސްކް ނާޅާ ނަމަ، ސިއްހަތަށް ނުރައްކާ ވަނީ ހަމައެކަނި އެ ނާޅާ މީހާއެއް ނޫނެވެ. މާސްކް ނާޅާ ހުންނަ މީހާގެ ވަށައިގެން ތިބޭ މީހުންނަށް ވެސް އެކަމުގެ ނުރައްކާ އެބައޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"މާސްކް އެޅުން މަޖުބޫރު ކުރީ އަޅުގަނޑުމެން އިތުރު ލޮކްޑައުންއަކަށް ދާން ބޭނުން ނުވާތީ. ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދު ކުރަން ބޭނުން ނުވާތީ. އަދި ރާއްޖޭގެ އެހެން ރަށްރަށަށް އެއް ފަހަރާ ބަލި ފެތުރެން ބޭނުން ނުވާތީ،" އަމީން ވިދާޅުވިއެވެ.

މާސްކް އެޅުން މަޖުބޫރު ކުރީ ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 5،223 އަށް އަރައިފައެވެ. މި ބަލީގައި 20 މީހަކު ނިޔާވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 2،849 މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތުން

    ޢާން ރާއްޖެ ފުރަ ބަންދުކޮއްގެން ނުވާނެ. ވަރަށް އުނދަގޫވޭ އެހެންހެދީމަ.

  2. ފޭކް

    ތިޔަ ބުނާ މާސްކުގެ ބޭނުމަކީ ކޮބާ؟ މަގުމަތީ ހިނގާއިރު އެކަނި މީހާދާނީ ގައިދުރުކޮން. އެކަމަކު ގްރޫޕް ހަދާފަ ރާޒުވާ ކުޅޭތަންތަން ޗެކް ނުކުރޭ ނިކަން ރެހެންދި ސްކޫލް ކުރިމަތި ބަލަލަބަލަ

    • ރެހެންދި

      ހިނގާބަލަ ރާޒުވާ ގަނޑެއް ޖހާލަން ދާން

  3. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    މާސްކު ކައިލައިގެންވެސް ރައްޔިތުންނަށް ކުރާ ދުއްތުރާ ހުއްޓާލަބަލަ