ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ބޭރުގެ މާލީ އިދާރާތަކުން ލޯނާއި އެހީގެ ގޮތުގައި މިހާތަނަށް ތިން ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ސަރުކާރުން އަންނަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ބޭރުގެ އެހީތެރިކަން ހޯދަމުންނެވެ. މިހާތަނަށް ރާއްޖެ އަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ބޭރުގެ ހަތް މާލީ އިދާރާއަކުންނެވެ.

އެ ހަތް އިދާރާއަކީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އާއި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކެވެ.

މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނީ ވޯލްޑް ބޭންކުންނެވެ. އެ ބޭންކުން 31 މިލިއަން ޑޮލަރު ރާއްޖެއަށް ވަނީ ދީފައެވެ. މީގެއިތުރުން ވެސް ވަކިވަކި ގައުމުތަކުންވެސް އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

އޭގެތެރޭގައި އަވަށްޓެރި އިންޑިއާ ޗައިނާ އަދި ޖަޕާނު ފަދަ ގައުމުތައް ވެސް ހިމެނެއެވެ. މީގެތެރެއިން ބައެއް ގައުމުތަކުން ފައިސާ ނޫން ގޮތް ގޮތުންވެސް އަންނަނީ ބޮޑެތި އެހީތެރިކަމެއް ރާއްޖެ އަށް ފޯރުކޮށްދެމުންނެވެ. ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ޔުނިސެފް ފަދަ ގައުމުތަކުން ވެސް އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ބައެއް ގައުމުތަކާ ގުޅިގެންވެސް އެ ޖަމިއްޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް ކޮވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ވަކިން ހާއްސަކޮށް ބޯޑަރު ބަންދުކޮށްފައި އޮތުމުން ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައިވެސް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ތިންމަސް ދުވަހު ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިހާރު ބޯޑަރު ވެސް ވަނީ ހުޅުވާލައިފައެވެ.