ރާއްޖެއަށް ދިވާފައިވާ ކޮވިޑް-19 ގެ ހާތަލުން އަރައިގަތުމަށް އެކި ރޮނގު ރޮނގުން ޒުވާނުން ވަމުން އަންނަ އެހީތެރިކަން ބޮޑު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މަހްލޫފް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަރިސް ކުރައްވާ ކަމަށެވެ. ޒުވާނުންގެ ދުވަސް ބައްދަލު ކުރާ އިރު، ކޮވިޑް-19 ގެ ވަބާގެ ސަބަބުން ގައުމަށާއި މުޅި ދުނިޔެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިކަން މަހްލޫފް ފާހަގަކުރެއްވިއެވެ.

މަހްލޫފް ވިދާޅުވީ، މިދިޔަ އަހަރުގެ ޒުވާނުންގެ ދުވަސް ނ. ވެލިދޫގައި ޔޫއެންގެ ޔޫތު އެންވޯއީއާ އެކު "ވަރަށް އުފާވެރި މާހައުލެއްގައި" މި ދުވަސް ފާހަގަ ކުރެވުނު ނަމަވެސް އެފަދަ ގޮތަކަށް މި ދުވަސް ފާހަގަ ކުރާ ވަރަށް ވުރެ މިހާރު ކުރިމަތީގައި އޮތް ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުން މިއަދުވެސް އެކިއެކި ދާއިރާތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރަމުން ދާ މަންޒަރު އަލުގަނޑުމެންނަށް އެބަ ފެނޭ" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

 

މަހްލޫފް ވިދާޅުވީ އަބަދުވެސް ގަބޫލުކުރެވިފައި އޮންނަނީ ޒުވާނުންނަކީ މާދަމާގެ ލީޑަރުން ކަމަށެވެ. ނަމަވެސް ޒުވާނުންނަކީ މިއަދުގެވެސް ލީޑަރުން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ގައުމު ކުރިއަށް ގެންދިއުމަށް ޒުވާނުންގެ ބައިވެރިވުން މުހިންމުކަން ފާހަގަ ކުރައްވައި މަހްލޫފް ވިދާޅުވީ، ވިސްނުމަކީ އަދި އުންމީދަކީވެސް އެއީ ކަމަށެވެ. މި ސަރުކާރުން ބޭނުންވަނީ ޒުވާނުންގެ ބައިވެރުވުމާއި އެކު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެން ކުރިއަށް ދިއުން ކަމަަށް މަހްލޫފް ވިދާޅުވިއެވެ.

އަދި ޒުވާނުންނާ ގުޅޭ ބައިވަރު ކަންބޮޑުވުންތަކެއް ހުރިކަން ގަބޫލު ކުރައްވާ ކަމަށާއި، އެކަމަށް ހައްލު ހޯދުމަށްޓަކައި ޒުވާނުންގެ ބައިވެރިވުމާއި އެކީ، އެމީހުންގެ ހިޔާލާއި މަޝްވަރާ ހޯދައި އިތުރަށް ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"މިހާރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ޒުވާނުންނަށް އަމާޒު ކުރެވިގެން ތަފާތު އެކި ދާއިރާތަކުން އެކި ކަންކަން ކުރިއަށްދާކަން އަޅުގަނޑު ހަމަ ފާހަގަކޮށް އެ ފުރުސަތުތައް އިތުރަށް ތަނަވަސް ކޮށްދީ، އިތުރުކޮށް ދިނުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަންވެސް އަޅުގަނޑު ތިބޭފުޅުންނާއި ހިއްސާކުރަން،" މަހްލޫފް ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ކަލޭމެން ކަމަކީ ރައްޔިތުން ފެލުން.. ޒުވާނުނަށް ހެޔޮއެދޭތީތަ އެއްޗެހި އަގުބޮޑުކޮށް ޖޫރިމަނާކުރަނީ.. ކޮށްދިން ކަމެއް ނެތް ޒުވާނުންނަކަށް