މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ގެއްލުންތައް ހޯދައި، ފަތުރުވެރިކަން އަލުން "ކޮޅަށް ޖަހައިދިނުމަށް" އެދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ޖާބިރު ޑރ. މައުސޫމަށް ފޮނުއްވި ސިޓީގައި ވަނީ މުޅި ރާއްޖޭގެ އިގްތިސާދު އެކަމަކަށް ބިނާވެފައި އޮންނަ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރަކަށް ވެވަޑައިގަތުމަށް ރައީސުލް ޖުމްހޫރިއްޔާ މައުސޫމަށް ދިން ދައުވަތު ގަބޫލުކޮށްދެއްވީތީ ޝުކުރު ދަންނަވާ ކަަމަށެވެ.

އެސިޓީގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިފައި އޮއްވައި ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭއަށްވެސް ނުރައްކާތެރި ވައިރަސް ކޮވިޑް-19 އައިސް، އެތައް ފައިސާއެއް ފަތުރުވެރިކަމަށް އިންވެސްޓުކޮށްގެން ތިބި މީހުންނަށާއި، އެ ދާއިރާގައި ވަޒީފާ އަދާކުރަމުން އަންނަ މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށެވެ.

އަދި މިކަމުގެ ސަބަބުން އެތައް އާއިލާތަކެއް ބިކަ ހާލުގައި ޖެހި އިގްތިސާދަށް ފޫބައްދަން އުނދަގޫ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މި ދަނޑިވަޅުގައި އެދާއިރާގެ މިނިސްޓަރަކާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅަކަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ގަބޫލުކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އަދި ކަން މިހެން އޮތް އިރުވެސް މައުސޫމް ޓުއަރިޒަމް މިނިސްޓަރު ކަމުގެ ޒިންމާ އާއި ހަވާލުވެވަޑައިގަތީ އެހުރިހާކަމެއް ދަނެ ހުރެ ފަތުރުވެރިކަން ކޮޅަށް ޖެހޭނެ ކަމުގެ އުންމީދާއި އެކު ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން މި ސިނާޔަތު ކުރިއަށް ގެންދިއުމުގެ މަސައްކަތް ފެއްޓުމަށް އެދޭ ކަމަށް ޖާބިރުގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ، މި ސިނާޔަތަށް ލިބިފައިވާ ގެއްލުންތައް ވަޒަންކުރުމަށް އެސެސްމެންޓެއް ހެދުމަށް އެދޭ ކަމަށާއި، އަދި އިންވެސްޓަރުންނާއި ވަޒީފާތައް އަދާކުރާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވޭނެ ގޮތެއްވެސް ދިރާސާ ކުރައްވައި ފިޔަަވަޅުތައް އަވަސްކޮށްދެއްވުމަށް އެދޭ ކަމަށެވެ.

ޑރ. މައުސޫމް ޓުއަރިޒަމް މިިނިސްޓަރުކަމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމި

    ކުރީ މިނިސްޓަރު ވަޑާގަތީ ކޮޅައްޖަހާ އެންޓަނާ ހިއްޕަވާގެން

  2. ލޮލީ ވަހީދު ބޭ

    ކޮޅަށް ޖަހާނެ ތަން ތަނަށް އެދި ސިޓީ ފޮނުވަން ޖެހެނީ ސިޓީ ކައުންސިލަށް! އެހެންވީ މާ މީނާ ފޮނުވި ސިޓީ ބަލާ މާދަ މާ މީހަކު ފޮނުވާތި