މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމާއި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބެހޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ސޯޝަލް އެތިކްސް ކޮމެޓީގެ މެންބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ އާދަކާދަތަކާއި، އިސްލާމީ ރިވެތި އުސޫލުތަކަށް އިޙުތިރާމުކުރާ، އަދި އަހުލާގު ރަނގަޅު ޖީލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި މި މޭރުމުން ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ އެކިއެކި ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، މިކަންކަމުގައި އަމަލީ ގޮތުން ކުރެވެންހުރި މަސައްކަތްތައް ވީހާވެސް އަވަހަށް ފަށައިގެން ކުރިއަށް ގެންދެވުމަށް ކޮމެޓީގެ މެންބަރުންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސޯޝަލް އެތިކްސް ކޮމެޓީގެ މެންބަރުން ވަނީ ދަރިވަރުންނަށް ރަނގަޅު އަހުލާގާއި ރިވެތި އުސޫލުތައް ދަސްކޮށްދީ ދިވެހީންގެ އާދަކާދަތަކާއި ސަގާފަތަށް ލޯބިކުރާ، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީ ތަރުބިއްޔަތުވާ ޖީލެއް ބިނާކުރުމަށް ކުރެވޭ މި މަސައްކަތުގައި އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަން ފާހަގަ ކުރައްވައިފައެވެ.