އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، އެކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ވެރިންނާއި ނައިބު ރައީސް ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ކަނޑުމަތީގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް ފަދަ ކަންކަން މަދުކުރުމާއި، އަދި ވަކިން ޚާއްޞަކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަ ކުރެއްވިއެވެ.

އަދި ތެލާއި ގޭސް ފަދަ ނުރައްކާތެރި ތަކެތި ގެންގުޅެންޖެހޭ ފަރާތްތަކުން އެތަކެތި ގެންގުޅެނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުމާއި، އެ ކަންކަން ގަވައިދުން ބަލަމުން ގެންދިއުމަށް ވެސް މި ބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމުގައި ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކުގައި ވާކަންކަން ރަނގަޅަށް ތަންފީޒުކުރެވެމުންދާކަން ކަށަވަރު ކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ހާއްސަކޮށް ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމާއި، އަލިފާނުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތައް ހިންގަންޖެހޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ކަމާގުޅޭ އެކިއެކި އިދާރާތަކުގެ އިސްވެރިން ވަނީ މި ކަންކަން ހައްލު ކުރުމުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، އެ ބޭފުޅުންގެ ހިޔާލު ނައިބު ރައީސްއާ ހިއްސާ ކުރައްވައިފައެވެ.

މީގެއިތުރުން ހަމަ އެހެންމެ، މި ކަންކަން އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ކުރެވިދާނެ މަސައްކަތްތަކާއި މާލޭގެ ބައެއް ސަރަޙައްދުތަކާއި ބަނދަރުތަކުގައި މިހާރު އުޅަނދުފަރަހަށް ތެޔޮ އެޅުމުގައި ކަންކުރަމުން ގެންދާ ގޮތާއި، ތެލާއި ގޭސް ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުން ފަދަ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެނެވެންހުރި ބަދަލުތަކާއި ބެހޭގޮތުންވެސް މަޝްވަރާ ކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލާއި، އެމްއެންޑީއެފް ކޯސްޓްގާޑާއި ފަޔަ އެންޑް ރެސްކިއު އާއި ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ސްޓެލްކޯ އާއި ފެނަކަ އާއި އެޗްޑީސީ އާއި މޯލްޑިވް ގޭސް އާއި އެސްޓީއޯ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ސިވިލް އޭވިއޭޝަންގެ އިސްވެރިންނާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމާއި އަހުމަދު ސަމީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަމަނަ

    އެހެންތަ.. ހަމަ ތެދެއްތަ.. އަސްލުވެސްތަ.. ޤައުމު ބޮޑު ބަލިމަޑުކަމެއްގެ ނުރައްކަލެއްގެ ތެރޭ އުޅޭއިރު މީ ވަރަށްވެސް މުހިންމު އަދި ބޭނުންތެރި ބިޔަ މަސައްކަތެއް. ޝުކުރިއްޔާ.

  2. ޖިންނި

    ދެން ފަހެ މި ނާއބުރައީސް އަކީ ކެނަ އެކެވެ

  3. ހަސަނު

    ބޭކާރު ބޮލެއް މިވެސް.

  4. ގޭދޮށު ފަހަރުވަ ފެކްޓަރީ

    އެއްގަމާއި ކަނޑުމަތީ ހިނގާ ހާދިސާތައް ހިންގަނީ ނާއިބް ރައިސްތާ އެހެންވީމަ. އޭނާ މިހާރު އެއުޅެނީ ވަރަށް ލިމިޓް ކޮއްގެން ހާދިސާތައް ހިންގަން ކޮވިޑް އޮތީމަ.