މިހާރު މުޅި ދުނިޔެއިން ފެނިފައިވާ ކޮވިޑް-19ގެ މި ދަނޑިވަޅުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް މަގާމުން ދުރުކުރުމަކީ ގައުމުގެ އިޤުތިޞާދަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފިއެވެ.

މިނިސްޓަރ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފެށީ މިއަދުއެވެ. އެ މަސައްކަތުގައި އިސްކޮށް ތިބީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް އާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ދަނީ ވިދާޅުވަމުންނެވެ.

މިކަމާއި ގުޅިގެން ޓްރޭޑް ޔުނިއަން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މި ދަނޑިވަޅުގައި މިނިސްޓަރ ފައްޔާޒް މަގާމުން ދުރުކުރުމަކީ ގައުމުގެ އިކޮނޮމީ އަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ.އަދި އިންވެސްޓަރ ކޮންފިޑެންސްއަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށްވެސް ޓްރޭޑް ޔުނިއަން އިން ބުނެފައި ވެއެވެ.

"ރާއްޖޭގެ އިގްތިސާދީ މިސްރާބު ހުރީ ރަނގަޅަށް ކަމަށް މި ޔުނިއަން އިން ގަބޫލު ކުރަން، އިގްތިސާދީ ގޮތުން މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ހީނަރު ކަމުން އަރައިގަތުމަށް ވިޔަފާރި ވެރިންނާއި ސަރުކާރު ގުޅިގެން މިހާރު ކުރަމުންދާ މުހިންމު މަސައްކަތްތައް ވަޅު ޖެހިގެން ނުދިއުމަށްވެސް މި ޔުނިއަން އިން އިލްތިމާސް ކުރަން". އެ ޔުނިއަން އިން ބުނެފައި ވެއެވެ.

އެ ޔުނިއަން އިން ބުނީ، އެ މަސައްކަތް ކާމިޔާބު ކުރުމަށް މިނިސްޓަރ ފައްޔާޒު ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރާ ކަމަށެވެ. އަދި އެ މަސައްކަތަށް އެ ޔުނިއަންގެ ތާއިދު އެބަ އޮތް ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އީސާ ތައްކާނު

    މިވަގުތު އެންމެ ރަނގަޅީ އަވަހަށް ބޭރު ކުރުން

    11
  2. ހަސަނާ

    'މިވަގުތު އެންމެ ރަނގަޅީ އަވަހަށް ބޭރު ކުރުން" އަދި މޑޕ ބައިބައި ކޮއލުނ...???

    6
    2