އިތުރުބާރުކުރެވޭ މަގާމެއްގައިހުރެ އެކި ދުވަސްމަތިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ގއ. ދެއްވަދޫ، ތިރުގެ، އިބްރާހީމް ނަދީމް ޞާލިޙް (32އ) ކަމަށެވެ.

އިބްރާހީމް ނަދީމް ޞާލިޙް ހައްޔަރުކޮށްފައިވަނީ، ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު، 18 އަހަރުން ދަށުގެ ކުއްޖަކަަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ޖުލައި 25 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އިބްރާހީމް ނަދީމް ޞާލިޙް ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ޖުލައި 25 ވަނަ ދުވަހު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިބްރާހިމް ނަދީމް ޞާލިޙްއަށް ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން އޯގަސްޓް 09 ވަނަ ދުވަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލައި އިބްރާހީމް ނަދީމް ޞާލިޙް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެކަމެއް ކަމަށާއި، ހެކިބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބިގެންދާ ކަމަކަށްވާތީ އާއި އިބްރާހީމް ނަދީމް ޞާލިޙްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ ކުށް އިބްރާހީމް ނަދީމް ޞާލިޙްގެ ފަރާތުން ހިނގާފައިވާކަމަށް ބެލެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހުށަހެޅި ހެކި ގަރީނާތަކުން ހެކި ގަރީނާ ލިބޭތީވެ، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިއަދު ވެސް ވިދާޅުވީ ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މި ފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭގުޅޭ ނަންބަރު 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން އެދެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް އެފަދަ މައްސަލަތަކުގެ މައުލޫމާތު ޝާއިއު ކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިންތު

    ހެކި އޮވެއްޖެނަމަ ހަމަ ހުރިހާ ދުވަހު ބަންދުގައި ބައިތިއްބާ . ކުޑަކުއްޖަކުނޫނީ މިމީހުނަށް ނުފެންނާނެ. ކިހާބޮޑު ވަބާއެއް މިއޮތީކުރިމަތިވެފައި. މަދު ފަހަރަކު ފިރިހެން ކުއްޖަކަށް ގޯނާކުރިޔަސް ޅަ އަންހެންދަރިންނާ މިހާރު ދިމާވެފަ މިއޮންނަނީ ބޮޑު މުސީބާތެއް

    • ރާޅު

      އޭރުން ބަންދުގަ ލައްކަ މީހުން ތިބެން ޖެހޭނެ

  2. ރިހި ރާންބާގަސް

    މީކިހިނެއްވެފަ ތިބޭ ބަޔެއް؟ ކުޑަކުދިން ގަޔަށްބޮލަށް ނާރާ ހަމަނިދި ނުލިބެނީތަ؟ މިބައިވަރުގަނޑު ގިނަވެގެންގޮސް މިރާއްޛޭގެ ކުޑަކުދިން މިހާރު ތިބެންމިޖެހެނީ ބިރުވެރި ކަމުގެތެރޭގަ! މިރާއްޖޭގެވެށި ހަލާކުކޮށްފި! ކުޑަކުދިންނަށްޓަކާ މިރާއްޖޭގެވެށި ނާމާން ޖަންގައްޔަކަށް ހަދާލައިފި!