އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅަކީ ކުޅޭ ނުބައި ކުޅިވަރެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަނީ ނަޝީދަށް ތާއީދު ކުރައްވާ މަޖިލިހުގެ އެމްޑީޕީ މެމްބަރުންނެވެ. އެ މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުން ސޮއިކުރެއްވި އިރު، ގިނައީ މާލޭގެ ބައެއް މެމްބަރުން ކަން "ވަގުތަށް" ވަނީ އެނގިފައެވެ.

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވިއްސަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވާފައިވެއެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް ނަޝީދެވެ. އެކަމަކު، އެ މައްސަލައިގައި ނަޝީދު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެކަމަކު، ފައްޔާޒް އަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ މިނިސްޓަރު ދިފާއު ކުރައްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މިއީ ރައްޔިތުންގެ ފޯކަސް ގެއްލުވައިލަން ކުރަން އުޅޭ ކަމެކެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ފައްޔާޒާއި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅެނީއޭ ކިއާފައި މި ކުޅެނީ ނުބައި ކުޅިވަރެއް ކަމަށެވެ. އަދި ރައްޔިތުން މިކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއިން އެއްވެސް ކަމެއް މަޖިލިސް ތެރެއިން ނުވާނެ،" ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ ފައްޔާޒުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅެނީ ރައްޔިތުންގެ ފޯކަސް ގެއްލުވައިލަން ކަމަށެވެ. ގައުމުގެ މިސްރާބު ނުކިއްސަރު ކަމަށާއި ރައްޔިތުން ހޭލުންތެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ނޯ ކޮންފިޑެންސް މޯޝަންގެ ވާހަކަ އަކީ ކުޅޭ ޑްރާމާއެއް. ސަރުކާރުގެ ނާގާބިލުކަމުގެ ނާޖާއިޒު ފައިދާ ނަގާ ބައެއްގެ ދަންމަޅިތަކެއްގެ ބޮޑު ބޮޅެއް އިތުރުވާތީވެ ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ފައްޔާޒާއި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިގެން މަޖިލިސް ތެރެ ހަލަބޮލިވެ، ސަރުކާރު އިތުރަށް ބަލިކަށިވުން ނޫން ކަމެއް ނުވާނެއެވެ. އޭނާ އެގޮތަށް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހޯދަން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ ޚަބަރެއް ޓުވިޓާގައި ހިއްސާ ކުރެއްވުމަށް ފަހުގައެވެ.

މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރަން އުޅޭ ސަބަބެއް އެކަމުގައި އުޅޭ އެމްޑީޕީގެ މެމްބަރުން އަދި ހާމައެއް ނުކުރައްވައެވެ. އެ މައްސަލައިގައި ފައްޔާޒް ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ސަބަބެއް ވިސްނާ ވިސްނާ ވެސް އެނގިވަޑައިނުގެންނެވި ކަމަށެވެ. އަދި އިތުބާރު ގެއްލޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވެދޭނީ މަދުވެގެން 10 މެމްބަރުން ސޮއިކުރައްވައިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ. މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފަހަރި

    އެމްޑީޕީނުވާނެރަގަޅެއް.. ކުރި ޑުރާމާ ކުޅެފަ މަޖިލީސްގެ ރައީސްކަންވެސް އަންނިއަށްދިނީ..

    28
    1
  2. ބާބާ---

    ނާ ގާބިލު ހުރިހާ މީހުން ބޭރު ކުރުން އެބަ އޮތް@

    16
    1
  3. ސަޓޯ

    އިބުރޭ އެންޑް އަންނި އަކީ ދެ ބެސްޓް ފުރެންޑު... އެދިމީހުން ރާވައިގެން ކުރާ ކަމެއް ކަން %100 ޔަގީންވޭ.

    3
    2
  4. ރަދީފް ހުސެން

    ތީ މިސަރުކާރުން ކުޅޭ ޑްރާމާގެ އިތުރު ބޮޅެއް. ތި ކަމެއް ނުވެސް ކުރާނެ އަދި ތި ޖައްސާ ޗަރުކޭސްބަލާނެ އާންމު ރައްޔިތަކުނެތް

  5. ޔޫސުފް

    ތީ އަންނިއަށް ވާވަރު ކަމެއްނޫން ބޭރުދުނިޔޭގައި ރާއްޖޭގެ އަގު ވައްޓާލަން މަސައްކަތްކުރެވިދާނެ.. ތިކުރަނީވެސް އެކަން އިންވެސްޓަރުންނަށް ބިރުދެއްކުން.ރާއްޖޭގައި އިންވެސްޓު ކުރަން ބޭނުންވާ ގިނަ ޕާޓީ ތަކުން މިހާރު މަޖިލީހުން ޖަހާ ސަކަރާތުގެ ސަބަބުން މި ރާއްޖޭގައި އިންވެސްޓުކުރަން ބިރުގަނޭ

  6. ޙަސަނާ

    ފަހަރެއްގާ ނަސީދު ގުރޫޕުގެ ބޭނުމަކައް ވެދާނެ މަޖިލިހުގަ ތިބި އޭނަޔައް ވަފާތެރި މެމްބަރުން ދެނެގަތުން އެކަންމިހާރު އޮންނާނީ ދެނެގަނެވިފަ ދެން ތިހުށަހެލުން ނުވެސްހުށަހަޅާނެ ތިބަލާލީ ވައިމަތި މަޖިލިސްތެރޭން ބަރުލަމާނީ ނިޒާމަކައް ފުރުޅާލަން ވިސްނާ ވިސްނުމުގެ ތެރޭން ގާނޫނު އަސާސީ އައް އިސްލާހެއް ގެންނަން ރޭވެމުންދާކަމުގެ ހެކި ތިފެނުނީ އޭގެކުރިން ދެންކުރަންހުރިކަންކަން އަންނި ދެން ލަހެއްނުވެ ފަށާނެ...