މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލުން ލިބެންޖެހޭ ހިދުމަތްތައް އިތުރު ކުރުމާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެކުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝިޕް އިން މަޝްވަރާ ކުރި ކަމަށް ހޯމް މިނިސްޓްރީން ބުނި ބުނުން އެ ކޯލިޝަނުން ދޮގުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ހޯމް މިނިސްޓަރާ އެކުގައި ބޭއްވި ބައްދަލުވުމާއި ގުޅޭ ގޮތުން ހޯމް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރައީސް ޔާމީނަށް ޖަލުން ލިބޭ ހިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ފަރާތުން ހޯމް މިނިސްޓަރާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެ ކޯލިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ޕީޕީއެމް ގެ ރައީސް، ރައީސް ޔާމީންގެ ލޯޔަރުންނާއި އެމަނިކުފާނަށް ބައްދަލު ނުވެ ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީއާއި އަދި އެންމެ ފަހުން ހައިކޯޓުގައި ބޭއްވުނު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްތިޢުނާފް އަޑު އެހުމުގައިވެސް، އެކަން ހަމަޖައްސަވައިދެއްވުމަށް ފަނޑިޔާރުންވެސް ވިދާޅުވެފައިވާއިރު، އެކަން ހަމަނުޖެހި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން ހަމަޖައްސަވައިދެއްވުން އެދި ހޯމް މިނިސްޓަރުގެ އަރިގައި އެ ކޯލިޝަނުގެ ލީޑާޝިޕުން އެދިފައިވާ ކަމަށެވެ.

އެކަން އެމަނިކުފާނަށް ހުށަހަޅުއްވަން ޖެހިވަޑައިގަތީ، ހައިކޯޓުގެ ފަނޑިޔާރުން އެކަމަށް ޢަމުރުކުރެއްވި ފަހުންވެސް މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އަދި ރައީސް ޔާމީންގެ ލޯޔަރުން އެކަން ހަމަޖައްސަވައިދެއްވުމަށް ކަރެކްޝަންސްގައި އެތައް ފަހަރެއްގެ މަތިން އެދެމުންދާއިރުވެސް، ކަރެކްޝަންސްއިން އެކަން ހަމަޖައްސަވައި ނުދެއްވާ ދިގު ދަންމަމުން ގެންދާތީއާއި، އަދި ކޮމިޝަނަރު އޮފް ޕްރިޒަންސްއާއި ބައްދަލުކުރުމަށް ލީޑާޝިޕުން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ކަމަށް އިދިކޮޅުން ބުންޏެވެ.

"މީގެ އިތުރުން ރައީސް ޢަބްދު ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގަންނަވަންޖެހޭ ޙައްޤުތަކަކުން އެމަނިކުފާނު މަޙްރޫމުކޮށް، އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތައް ހުއްޓާލުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އެހެންނަމަވެސް، ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް "ޖަލުން ލިބޭ ޚިދުމަތްތައް އިތުރު ކުރުމާއި ގުޅޭ ގޮތުން" މިކޯލިޝަންގެ ފަރާތުން ހޯމް މިނިސްޓަރާ ބައްދަލުކުރިކަމަށް ބުނެ ދޮގު ޓްވީޓެއް ހޯމް މިނިސްޓްރީން ކުރައްވާ ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުން ބުނީ އެފަދަ ދޮގު ހަބަރުތައް ފަތުރައިގެން ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި ރައީސް ޔާމީން އާއި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ހަމަނުޖެހި ތަފާތު ބަހަނާތައް ދައްކަވައިގެން ދިގު ދެންމުމުގެ ބަދަލުގައި ހައިކޯޓު ފަނޑިޔާރުން އަމުރު ކުރައްވާފައިވާ ގޮތަށާއި އަދި އެކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އިންވެސް ކަށަވަރުކޮށްދޭ ޙައްޤަކަށްވާތީ، ރައީސް ޔާމީނައި އެމަނިކުފާނުގެ ލޯޔަރުންނާއި ބައްދަލުކުރެވޭނެ އިންތިޒާމުތައް މިހާރުން މިހާރަށް ހަމަޖައްސަވައިދެއްވުމަށްވެސް ގޮވާލާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ބަލަގަ ތިއެމްޑީޕީގެ އަވާގަޖެހިއްޖޭ މީހަކުވެސް ތެދެނަހަދާނެ

    23
  2. ލިބާސް

    ޔާމީނޭކިޔައިގެން މިސަރުކާރުން ހަދަނީ ހުސްދޮގު އިއްވަނީ ނުހައްގުން ދަޢުވާ މީ ވަގު ސަރުކާރެއް

  3. ޞަހީފާ

    ކަލޭގެކިބައިން ސަޅިކޮށް ބަދަލުހިފާލާނަށް! ތައްޔާރުވޭ ސޭކު ޢިމްރާނު!

  4. މިއަދު

    ތިއިމްރާނަށް ޝެއިހުގެލަގަބު ލިބުނުގޮތަކާއިމެދުވެސް ސުވާލުއުވެދޭ