ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ ދިވެހިންގެ އަދަދު ތިންހާހަށް އަރައިފިއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު ދިވެހިންގެ އަދަދު ތިންހާހަށް އަރާފައި މިވަނީ އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ދިވެހިން ހިމެނޭހެން ގިނަ ބަޔަކު އަލަށް މި ބައްޔަށް ފައްސިވުމާއި ގުޅިގެންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައި ވާގޮތުން އިއްޔެ އެކަނިވެސް އިތުރު 83 ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު ދިވެހިންގެ ޖުމްލަ އަދަދު މިހާރު ވަނީ 3026 އަށް އަރާފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށިއިރު އެންމެ ގިނަ އަދަދަކަށް ފައްސިވަމުން ދިޔައީ ބިދޭސީންނެވެ. އޭގެތެރޭގައި އޭރު އެންމެ ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް ފަހަކަށް އައިސް ދިވެހިންނަށް މި ބަލި ޖެހޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

ރާއްޖެއިން މިހާތަނަށް ފައްސިވީ ދިވެހިންގެ އިތުރުން ހިމެނެނީ، ބަންގްލަދޭޝްގެ 1944 މީހަކާއި އިންޑިއާ 361 މީހަކާއި ނޭޕާލްގެ 58 މީހަކާއި، ލަންކާ 57 މީހަކާއި އިޓަލީ 11 މީހަކާއި އިންޑޮނީޝިއާ 8 މީހެއްގެ އިތުރުން އެހެން ބައެއް އިތުރު ޤައުމުތަކަށް ނިސްބަތްވާ 29 މީހެކު ހިމެނޭހެން ޖުމްލަ 2468 ބިދޭސީއެކެވެ. މިއާއެކު ދިވެހިން ހިމެނޭހެން ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5494 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ފައްސިވީ މީހުންގެ ތެރޭގައި ހިމެނެނީ 4049 ފިރިހެނަކާއި 1430 އަންހެނެކެވެ. ރާއްޖެއިން މި ބައްޔަށް އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި 2553 މީހަކަށް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދެއެވެ. މީގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. ރާއްޖޭގައި މި ބައްޔަށް ފަރުވާދޭ މީހުންގެ ތެރެއިން 145 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައެވެ. އޭގެތެރެއިން 11 މީހަކަށް އައިސީޔޫގައި ފަރުވާދެމުން ދެއެވެ.

މިހާތަނަށް ރާއްޖެއިން 21 މީހަކު ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ 17 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ. ރާއްޖެއިން ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 2920 މީހެކެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް، ޚާއްސަކޮށް މާލެ ސަރަޙައްދަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، ބަލީގެ ވޭދަނަތައް އިތުރުވާން ފެށީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިން ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮމެޮނެ

    ކޯވިޑް-19 އާއި އޭޖެންޑާ-19 އިން އަޅަމެން މިންޖު ކުރައްވާށި...

  2. Anonymous

    އަސްތަޣްފާރު ކޮށްބަލަ ނަތީޖާ ފެންނާނެ މަވެތިވެ ބޮޑާވުން ދޫކޮށް ﷲގެ މަގަށް އާދޭ ސަލާމަތްވާނީއޭރުން