ކަރެކްޝަލް ސާވިސްގެ ހިދުމަތަށް 49 އަހަރު ފުރުމުގެ މުނާސަބަތުގައި ނައިބު ފައިސަލް ނަސީމް އެތަނުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ އޮފިސަރުންނަށާއި މުވައްޒަފުންނަށް ޝުކުރު ދަންނަވައިފިއެވެ.

ވީޑިއޯ މެސެޖެއް މެދުވެރިކޮށް ނައިބު ރައީސް ވަނީ ކަރެކްޝަނަލް ސާވިސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ އިދާރާގެ ވެރިންނަށާއި އެންމެހައި މުވައްޒަފުންނަށް އަދި އެ މުވައްޒަފުންގެ އާއިލާތަކަށް ޝުކުރު ދަންނަވައިފައެވެ.

އަދި ކަރެކްޝަނަލް ސާވިސްއަކީ އަމަން އަމާންކަމާއި އިޖްތިމާއީ އަދާލަތު ގާއިމްކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގައި އަދި ގާނޫނު ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އިދާރާއެއް ކަމަށް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

"ގައިދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، އެމީހުންގެ ހައްގުތައް ލިބިދިނުމާއި އެކު ތައުލީމާއި ތަމްރީން ދީގެން ބޭނުންތެރި ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖްތަމައަށް ނެރެދިނުމަށް ކޮންމެ ދުވަހަކު ކުރަމުންދާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އެ އިދާރާގެ ހުރިހާ އޮފިސަރުންނަށާއި މުވައްޒަފުންނަށް ވަރަށް އިހްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން" ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.