މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި، ގަދަކަމުން ރިލްވާން އަރުވައިގެން ގެންދިޔަކަމަށް ދައުލަތުން ތުހުމަތު ކުރާ ރަތް ކާރުން، ރިލްވާނުގެ މަންމަގެ ޑީއެންއޭ ފެނުނު އިސްތަށީގެ ޑީއެންއޭ ރިޕޯޓުގެ ޞައްޙަކަން ޝަރީއަތަށް ކަށަވަރު ކޮށްދިނުމަށްޓަކައި ހެކިވެރިއެއްގެ ގޮތުގައި ދައުލަތުން ޝަރީއަތަށް ހާޒިރުކުރީ، ތައިލެންޓުގެ ހޮސްޕިޓަލަކާއި، ވިއެޓްނާމްގެ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ އަސްލު ޑީއެންއޭ ރިޕޯޓު ތައްޔާރުކުރި ފަރާތްތައް ނޫންކަން ނޫންކަން ހާމަވެއްޖެއެވެ.

ރިލްވާނު ގެއްލުމާއި ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހ.ހިލްޓަން، އަޙްމަދު އާލިފް ރައޫފާއި، ގދ.ވާދޫ ކަރަންކާގޭ، މުޙައްމަދު ނޫރައްދީންގެ މައްޗަށް ކުށް ސާބިތު ކުރުމަށްޓަކައި، ދައުލަތުން ހުށަހަޅާފައިވާ 2 ޑީއެންއޭ ރިޕޯޓުގެ ޞައްޙަކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވަނީ، އެ މައްސަލަ ތަހްޤީގު ކުރި ދުވަސްވަރު މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރި، މާދިހް މުޙައްމަދު ސަލީމެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސަސްގައި 7 އަހަރު މަސައްކަތްކޮށް، 400 އަށްވުރެ ގިނަ މައްސަލައިގައި 1000 އަށްވުރެ ގިނަ ޑީއެންއޭ ރިޕޯޓް ތައްޔާރު ކޮށް މި ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، މާދިހް ހެކިވެރިއެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ، ބޭރުގެ ދެ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ ދެ ޑީއެންއޭ ރިޕޯޓާއި، އެ ދެ ރިޕޯޓުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ތައްޔާރުކޮށްފައިވާ ދެ ޑީއެންއޭ ރިޕޯޓުގެ ޝައްޙަކަން ސާބިތު ކުރުމަށެވެ.

އަޙްމަދު އާލިފް ރައޫފާއި، މުޙައްމަދު ނޫރައްދީންގެ ދިފާއީ ވަކީލު ނޫރުއްސަލާމް މިއަދުގެ ޝަރީއަތުގައި ވިދާޅުވީ، ބޭރުގެ ދެ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ އަސްލު ޑީއެންއޭ ރިޕޯޓުތައް ތައްޔާރު ކުރި ފަރާތަކީ މާދިޙް ނޫންކަމަށް ސާފު ބަހުން މާދިހް ޝަރީއަތުގައި ބުނެފައިވާތީ، އެ ރިޕޯޓުތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށް މާދިހްގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ.

ޑީއެންއޭ އެކްސްޕާޓް މާދިހް ހެކިބަސް ދެމުން ބުނީ، މި މައްސަލައިގައި ކާރުން ފެނުނު 5 އިސްތަށިން ސާމްޕަލް ނަގައިގެން ތަހްޤީގު ބޭނުމަށް ތައްޔާރުކުރަންޖެހެނީ މައިޓޯކޮންޑިއަލް ޑީއެންއޭ ރިޕޯޓެއް ނަމަވެސް އެ ޤާބިލުކަން ދިވެހި ފުލުހުންގެ ގައިގައި ނެތުމުން، ފުލުހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކޮށްފައިވަނީ، ޢާއްމުކޮށް ކުރާ ނިއުކްލިއަރ ޑީއެންއޭ ނޫން ކަމަށާއި، ތައްޔާރު ކޮށްފައިވަނީ މައިޓޯކޮންޑިއަލް ޑީއެންއޭ ރިޕޯޓެއް ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރެއްވިއިރު މާދިހް ތައްޔާރުކޮށް ސޮއި ކޮށްފައިވާ ދެ ޑީއެންއޭ ރިޕޯޓަކީ ރާއްޖެއިން ބޭރުން ތައްޔާރުކޮށްފައިވާ ދެ ޑީއެންއޭ ރިޕޯޓު އަސްލަކަށް ބަލައިގެން ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ ދެ ރިޕޯޓު ކަމަށާއި، އެ ރިޕޯޓަށް އަމިއްލައަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެކަމަށްވެސް ހެކިބަސް ދެމުން މާދިހް ބުންޏެވެ. ހެކިބަސް ދެމުން އިތުރަށް މާދިހް ބުނީ، މައިޓޯކޮންޑިއަލް ޑީއެންއޭ އިން ސީދާ އެއީ ކާކުގެ ޑީއެންއޭ ކަން ސާބިތު ނުވާނެ ކަމަށާއި، މި އިސްތަށިން ކ.މާލެ، ޝައިނިންގ ސްޓަރ، އައިމިނަތު އީސާ (ރިލްވާނުގެ މަންމަ) ގެ ޑީއެންއޭ ފެނިފައިވާއިރު، މި ވައްތަރުގެ ޑީއެންއޭ އިން ކަށަވަރު ވާނީ އެ އިސްތައްޓަކީ ރިލްވާނުގެ މަންމަގެ، ނުވަތަ ރިލްވާނުގެ މަންމަ އެއްބަނޑު މީހެއްގެ ނުވަތަ ރިލްވާނުގެ މަންމަގެ ދަރިއެއްގެ ނުވަތަ ރިލްވާނުގެ މަންމަގެ އަންހެން ދަރިއެއްގެ ދަރިއެއްގެ އިސްތަށިކަން ކަމަށެވެ. އެގޮތަށް މަންމަ ފަރާތުން ޑީއެންއޭ ވާރުތަވާނެ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

އާއްމު އުސޫލަކުން މިފަދަ މައްސަލަތަކުގައި، މި މައްސަލަ ޝަރީއަތަށް ހުށަހެޅިއިރު އަމަލުކުރާ އުސޫލުން، އިނގިރޭސި ބަހުން ހުންނަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ބަދަލުގައި، ޕޮލިސް ސަރވިސް އިން އައު ރިޕޯޓުތަކެއް ތައްޔާރުކޮށް ހުށަހެޅީ ކީއްވެގެންތީ މައްސަލަ ބައްލަވާ ގާޒީ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ، އައު ރިޕޯޓުތަކެއް ތައްޔާރުކުރީ އެގޮތަށް އައު ރިޕޯޓެއް ތައްޔާރު ކުރުމަށް އެ ޑިޕާޓުމަންޓަށް ހުށަހެޅުމުން ކަމަށާއި، ނަމަވެސް ބޭރުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވާ މައުލޫމާތައް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

ދައުލަތުން މި މައްސަލައިގައި އަމަލު ކުރައްވާފައިވާ ގޮތުން ދިފާއުން ކަންބޮޑުވުން ފާޅުކުރެއްވިއިރު، މި ޑީއެންއޭ ރިޕޯޓުތަކުންވެސް ދައުލަތުން ސާބިތު ކޮށްދޭން ބޭނުންވަނީ ދައުލަތުން ތުހުމަތު ކުރާ ރަތް ކާރަށް ރިލްވާން އަރުވާފައިވާކަމެވެ. ނަމަވެސް މި މައްސަލަ މި ދެ މީހުންގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެ ހެކިވެރިއެއް ފިޔަވައި ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގާ ނިމުނުއިރުވެސް، އެއްވެސް ހެކިވެރިޔަކު، ދައުވާ ލިބޭ އެއްވެސް ފަރާތެއްގެ ނަން ފާހަގަ ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންމޮހޮނު

    ފުލުހުން އިދާރާގެ އަގު މިސަރުކާރުން ވައްޓާލައިފި ، މީހުން ފުރޭމް ކުރުމާއި ދޮގުހެކި އުފައްދުމާއި އިންޓަލް ރިޕޯޓޭކިޔައިގެން ހާސަރުލިޔުމާއި ، މިހިރަ މިހިރަ ކަންކަމާއިހެދި ކިހިނަކުން ގަބޫލުކުރާނި ތިޔަ އިސްތައްޓަކީ ފަލުން ފުލުހުން އަމިއްލަޔަށް ލައިގެން އުޅޭއެއްޗެއްނޫންކަމަށްވެސް