ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް ކޮށްފައިވާ ތިން ދައުވާއެއްގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފި އެވެ.

މިހާރު ގޭބަންދުގައި ހުންނެވި މަހްލޫފަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައިވާ ގޮތުން މާދަމާ ބާއްވަނީ، ޓެރަރިޒަމް ކުށުގެ ދައުވާ އާއި އޭނާ ކުރެއްވި ޓުވީޓްތަކަކާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ އަޑު އެހުމެވެ.

މަހްލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި، މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާކުރި މައްސަލައިގަ އެވެ.

އެ ތިން މައްސަލައިގެ އިތުރުން މަހުލޫފްގެ މައްޗަށް ވަނީ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ވެސް އުފުލާފައެވެ. އެ ދައުވާ އުފުލާފައިވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގައި ބައިވެރިވި ފަރާތްތަކަށް މަހުލޫފް މާސްކު ބެހުމާ ގުޅިގެންނެވެ.

އިދިކޮޅުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މަހުލޫފު މިހާރު ހުންނެވީ ގޭބަންދުގައެވެ. މަހުލޫފްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އެ މައްސަލަތައް ބަލައި ނިމެންދެން އޭނާ ހުންނަން ޖެހޭނީ ގޭ ބަންދުގައެވެ.

މީގެ ކުރިން އެއްވުމެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ދެ މައްސަލައެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަސް ވަންދެން ޖަލަށް ވެސް ލާފައެވެ.