ރ. އަލިފުށީގައި ގޭގައި ނަމާދަށް ހުރި އަންހެނެއްގެ އަނގަޔަށް އޭނާގެ ކުރީގެ ފިރިމީހާ ލައްފިލުވާ އެޅި މައްސަލާގައި ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާ އުފުލައިފިއެވެ.

މި ހާދިސާ ހިނގީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. އްސަލައާ ގުޅިގެން 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މީގެކުރިން ބުނެފައިވެއެވެ. އެ މައްސަލާގައި ހައްޔަރުކުރި މީހާ އަކީ އަނިޔާ ލިބުނު އަންހެން މީހާގެ ކުރީގެ ފިރިމީހާއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އަލިފުށީގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން ރ. އަލިފުށި ކަސްތޫރިގެ، އަލީ އަމީނުގެ ދައުވާކުރަން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެމީހާ އަށް ކުރި ދައުވާތަކުގެ ތެރޭގައި ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ އަދި އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ހިމެނެއެވެ.

އެ އަންހެން މީހާގެ އަނގަޔަށް އޭނަގެ ކުރީގެ ފިރިމީހާ ލައްފިލުވާ އަޅާފައި ވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ނޭނގެއެވެ. މި މައްސަލާގައި އަންހެން މީހާގެ އަނގަޔަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އަދި އަންހެން މީހާ ރަށު ހެލްތު ސެންޓަރަށް ފޮނުވުމުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް އެންގިއެވެ. އަނިޔާ ލިބުނު އަންހެން މީހާ އަށް ފަރުވާ ދީފައި ވަނީ ފަހުން އުނގޫފާރު ހޮސްޕިޓަލުގައެވެ.