އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިންވެސް ކޮވިޑް-19 ޖެހިފައި ހުއްޓާ ވިހެއި މައިންގެ ތެރެއިން ގާތުން ދިން އެއްވެސް ތުއްތު ކުއްޖަކު އެ ބައްޔަށް ފައްސިވެފައި ނުވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވެފައިވަނީ، ނިއުޔޯކުގެ ތަޖުރިބާކާރުން، ތުއްތު ކުދިންނަށް މިބަލި ޖެހުން ނާދިރުކަމަށް ބުނެ ހަދާފައިވާ ދިރާސާއަކާއި ހަވާލާދީއެވެ.

އެދިރާސާގައި ބުނެފައިވަނީ ކޮވިޑް-19 ޖެހިފައިވާ މައިން ވިހޭ ކުދިންނަށް ބަލި ޖެހުން ނާދިރު ކަމަށާއި އެކުދިންގެ ކިބައިން ބަލީގެ އެއްވެސް ކަހަލަ އަލާމާތްތަކެއްވެސް ނުފެންނަ ކަމަށެވެ.

މީގެ އިތުރުންވެސް އެކުދިން އެހެން ގޮތަކުންވެސް ބަލިވުން ނާދިރު ކަމަށް އެދިރާސާގައި ބުނެފައިވެއެވެ.

ޑޮކްޓަރު ފައިސަލް ވިދާޅުވީ، އަތްދޮވެ، މާސްކު އަޅައިގެން بسم الله ކިޔައިގެން ތުއްތު ދަރިފުޅަށް ގާތުން ޖައްސާލުން ކުއްޖާ ރަނގަޅު ކަމަށެވެ.

"ރާއްޖޭގައި ވެސް ކޮވިޑް-19 ޖެހިފައި ހުއްޓާ ވިހޭ މައިންގެ ތެރެއިން ގާތުން ދިން އެއްވެސް ތުއްތު ކުއްޖަކު ބަލިވެފައެއް ނުވޭ، އަތް ދޮވެ މާސްކް އަޅައިގެން بسم الله ކިޔާ ގާތުން ޖައްސާލުން ހަމަ ރަނގަޅު".ޑރ. ފައިސަލްގެ ޓްވީޓްގައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ތުއްތު ކުދިންނަށް ދިމަވާ އެކި ކަންކަމުގެ ވާހަކަތައް ދިރާސާތަކުގެ އަލީގައި ޑރ. ފައިސަލް ދަނީ އާއްމުންނަށް ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް ކޮވިޑް-19ގެ މި ދުވަސްވަރު އެކި ދިރާސާތަކާއި ހަވާލާދީ މައުލޫމާތައް ދަނީ ފޯރުކޮށްދެމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދި 5500 އަށްވުރެ މަތީގައި އުޅޭއިރު، ބަލީގައި 22 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރީ

    ކަލޭމެން ގޮވަނީ ކޮވިޑޭ ކިޔާފަ ކޮސް. ކޮވިޑް ފައްސިކަމަށް ބުނާގިނަމީހުންކީ އެއްވެސް އަލާމާތެއް ނުހުންނަ ނައްސި މީހުން އަސްލު. މައްސަލަ އުޅެނީ ކަލޭމެން ގެންގުޅޭ އުސޫލުގަ އާއި ކިޓް ތަކުގަ.