ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގެ ކިޔެވުން ފަށައިފިއެވެ.

"އައް-ނޫރުލް މުބީން"ގެ ނަމުގައި މިއަދު ފެށި ޤުރުއާން މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ނުވަ ޤައުމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނީ ސޫދާން، ތުރުކީ، ސަޢުދީ ޢަރަބިއްޔާ، ޕާކިސްތާން، މެލޭޝިޔާއާ، ކުވައިތް، މިޞްރް އަދި ބަންގްލަދޭޝް އަދި ރާއްޖެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ މ.ވޭވަށު ފެހިފާރުދާގެ އަޝްރަޤް ނާޒިރެވެ.

ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މުބާރާތުގެ ކޮންމެ ރައުންޑެއްގައިވެސް ކޮންމެ ބައިވެރިއަކުވެސް އެއް ފަހަރު ކިޔަވާނެއެވެ. ބައިވެރިން ކިޔަވާނީ އެ ރައުންޑެއްގައި އެ ބައިވެރިއަކަށް ނެގޭ ސުވާލަކަށެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވާނީ ޢިލްމުވެރި ޤާބިލު ބޭފުޅުން ކަމުގައިވާ ސޫދާންގެ ޑރ.ޢަބްދުލް މުނީރު މުޙައްމަދު އަޙްމަދު އަލް ރާބީ، ޕާކިސްތާނުގެ ޑރ.މުޙައްމަދު ޔޫނުސް، މެލޭޝިއާގެ ޑރ.ވާން ހިލްމީ ވާން ޢަބްދުﷲ، ޔަމަންގެ ޑރ.ޢަބްދުލްހަމީދު ނާޞިރު ޞާލިޙް އަލް ޣައުސީ އަދި ރާއްޖޭގެ އަލްޤާރީ އަޙްމަދު ތަޢުފީޤް ޢަބްދުއްރަޙްމާނެވެ.

މި މުބާރާތުގެ މަޤްޞަދަކީ މީހުންގެ ހިތްތަކުގައި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމަށް ލޯބި އިތުރުކުރުމާއި، ޤުރުއާން ހިތުދަސްކުރުމަށް އިތުރަށް ބާރުއެޅުމެވެ.

"އައްނޫރުލް މުބީން" ޤުރުއާން މުބާރާތުން އެއްވަނައަށްދާ ފާރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދިވެހި ދައުލަތުން 30 ހާސް ޑޮލަރު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް ދާ ބައިވެރިއަކަށް 15 ހާސް ޑޮލަރު، ތިންވަނައަށް 5 ހާސް ޑޮލަރުގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

"އައް ނޫރުލް މުބީން" މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އަންނަ ރަމަޟާން މަހުގެ ދެވަނަދުވަހުގެ ރޭ އޮންނަ އިހްޔާ ފޯރަމްގައެވެ. އިނާމް ހަވާލުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިއީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.