މިދިޔަ ޖޫން މަހުގެ ކަރަންޓު ބިލް ބޮޑުވި ކަމަށް ގިނަ ބަޔަކު ފާހަގަ ކުރާތީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއާ ބައްދަލު ކުރަން އެދުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އޭނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދކޮލު ފަރާތްތަކުން ސްޓެލްކޯގެ އެމްޑީ އާއި ބައްދަލުކުރަން އެދި ސިޓީއެއް ހުށަހެޅީ ޖުލައި މަހުގެ ދެ ވަނަ ދުވަހުއެވެ.

އެ ސިޓީއަށް ޖަވާބެއް ލިބުނުތޯ ބަލަން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްމަަބަރު އިބްރާހިމް ޝުޖާއު "ވަގުތަށް" ވިިދާޅުވީ، އެ ސިޓީއާ ގުޅިގެން އިދިކޮޅު ފަރާތްތަކާ ބައްދަލުކުރާނެ ކަން ނުވަތަ ނޫންކަންވެސް ސްޓެލްކޯއިން އަންގާފައިވާ ކަމަށެވެ.

އެފަދަ ސިޓީއެއް ސްޓެލްކޯއަށް ލިބިފައި ނުވާކަމަށް މީގެ ކުރިން އެ އިދާރާގެ އޮފިޝަލަކު ވިދާޅުވެފައިވާތީ އެކަމާއި މެދު ސުވާލުކުރުކުރުމުން ޝުޖާއު ވިދާޅުވީ އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އެ ސިޓީ ފޮނުވާފަ. ރައްޔިތުން ވަރަށް ކަންބޮޑުވޭ ކަރަންޓު ބިލުގެ މައްސަލައިގައި އެހެންވީމަ ބައްދަލުކުރަން އެދުނީ. އެކަމަކު މިއަދާހަމައަށް ވެސް އެއްވެސް ޖަވާބެއް ނުދެއްވާ." ޝުޖާއު ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ސްޓެލްކޯއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ފާއިތުވި ޖޫން މަހު ގޭބީސީތަކަށް ލިބުނު ބިލްތަކުގައި ވަރަށް ގިނަ މައްސަލަތައް ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން މާލެ އާއި އަތޮޅުތެރެއިންވެސް އެ ޝަކުވާ ލިބިފައިވާތީ އެ ކަމާއި މެދު ސްޓެލްކޯގެ އެމްޑީ އާއި ބައްދަލުކޮށް މަޝްވަރާކުރަން ބޭނުންވަނީ ކަމަށް އެ ސިޓިގައިވެއެވެ. އެހެންކަމުން ސްޓެލްކޯގެ އެމްޑީ އާއި ވީހާވެސް އަވަހަކަށް ބައްދަލުކުރުމުގެ ފުރުސަތު ވީ އެންމެ އަވަހަކަށް ހަމަޖައްސުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ.

ކޯލިޝަނުން ސްޓެލްކޯގެ އެމްޑީ އާއި ބައްދަލުކުރަން އެދިފައިވާއިރު އެ މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކުން ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވިއެވެ.

އަދި އެ ބިލު ބޮޑުވެފައިވާ ކަމަށް ބެލެވެނީ މާލެ ފުރަބަންދުކުރުމާ ގުޅިގެން ދިން ސަބްސިޑީ ކަނޑާލުމާ ގުޅިގެން ކަމަށް ސްޓެލްކޯ އިން ބުނެފައިވީ ނަމަވެސް، ފުރަބަންދު އައުމުގެ ކުރީ މަސް މަހުގެ ބިލްތަކާއި އަޅައި ބަލާއިރު ވެސް ބިލު ދެ ގުނައަށް، ތިން ގުނައަށް އަދި ހަތަރު ގުނައަށް ވެސް ބޮޑުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ސިޓީގައިވެއެވެ.

އެހެން ކަމުން މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މި ދަނޑިވަޅުގައި، އާދަޔާ ހިލާފަށް ކަރަންޓު ބިލު ބޮޑުކޮށްފައިވާ ސަަބަބު މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ބެލުމަށާއި ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް މީކާއިލް އެދިވަޑައިގެންފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަނަބްދުކޮށްފައި އޮތް ހާލަތުގައި ކަރަންޓު ބިލްތަކުން ވަނީ ބޮޑު ޑިސްކައުންޓެއް ދީފައެވެ. ސްޓެލްކޯ އިން ހާމަކޮށްފައިވާގޮތުގައި މިދިޔަ މަހުގެ ބިލް ބޮޑުވެފައި ވަނީ، ޑިސްކައުންޓު ކަނޑާލުމާ ގުޅިގެންނެވެ.