މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ފަތާ ފެންގަނޑަކާއި ރުގްޔާ ކޮޓަރިއެއް ނުލިބިގެން ނޫން ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެެވެ.

މިހާރު ކުރިއަށްދާ އިދިކޮޅު ކޯލިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ފެތުމުގެ ފުރުސަތު ދެއްވުމަށް އިދިކޮޅުން އެދުމާއި ގުޅިގެން، މާފުށީ ކައިރީގައި ނުބައި އޮއިވަރެއް ހުންނާތީ އެކަން ކުރެވެން ނެތް ކަމަށާއި، މަސައްކަތް ކުރަނީ ފަތާ ޓްރެކެއް އެމަނިކުފާނަށް ހާއްސަކޮށް އެޅުއްވުމަށް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރާއްޖެޓީވީގެ ޕްރޮގްރާމުގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވައެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް އިމްރާން ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށާއި، އިމްރާނަކީ ރައީސް ޔާމީންގެ ޒާތީ އަދުއްވަކަށް ވެގެން ކަންކަން ކުރައްވާ ބޭފުޅެއް ކަމަށެވެ.

އޭނާ ވިދަޅުވީ އިމްރާން ވަނީ މީގެ ކުރިންވެސް ރައީސް ޔާމީނޭ ކިޔައިގެން ދޮގު ވާހަކަތަކެއް ދައްކަވާފައި ކަމަށާއި، އެގޮތުން މޭޑޭގެ މުޒާހަރާއެއްގައި މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލެވުމާއި ގުޅޭ ގޮތުން އިމްރާން ވަނީ އިތުރުފުޅު ހައްދަވާފައި ކަމަށެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވަނީ ރައީސް ޔާމީންގެ މައްސަލަ އާއި ގުޅުން ހުރި ލިއެކިއުންތަކެއް އިއްޔެ އާއި މިއަދު ހެނދުނު ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް އެ ލިއެކިއުންތައް ދިރާސާކުރެއްވުމަށް އެކަށީގެންވާ ވަގުތެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އުންމީދު ކުރަނީ އެ ވަގުތު މައްސަލަ ބައްލަވާ ގާޒީ ދެއްވާނެ ކަމަށް ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.