ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މައިކްރޯ ޕްލާސްޓިކް އެންމެ ގިނައީ ރާއްޖޭގެ ކަނޑުތަކުގައި ކަމަށް ބުނާ ދިރާސާ ހިންގާފައިވާ މެތޮޑޮލޮޖީ އަކީ އެ ގޮތަށް ކަނޑައަޅަން އެންމެ ރަނގަޅު މެތޮޑޮލޮޖީ ނޫން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ފްލިޑާންސް ޔުނިވާސިޓީގެ ސައިންސްވެރީން މި ދިރާސާ ކޮށްފައިވަނީ ޅ. ނައިފަރަށް ގޮސް އެ ރަށް ވަށައިގެން ތަފާތު 22 ތަނަކުން ވެލި ނަގައިގެން، ޕްލާސްޓިކް ހުރި މިންވަރު ބަލައިގެންނެވެ.

އެ ދިރާސާގައި އިސްކޮށް އުޅުނު ޓޯބީ ޕަޓީ ބުނެފައި ވަނީ، މުޅި ދުނިޔެއާ އަޅާބަލާއިރު، ނައިފަރުން ނެގި ސާމްޕަލްތަކުގައި މައިކްރޯ ޕްލާސްޓިކް ހުރި މިންވަރު ވަރަށް ގިނަ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެންވަޔަރަމެންޓް މިނިސްޓަރު ހާޒިރުވެވަޑައިގަތުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މި ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ނައިފަރު ފަދަ ބިން ކުޑަ އަދި މީހުން ގިނަ ރަށެއް ނަމޫނާއަކަށް ނަގައި، ހަމައެކަނި އެ ރަށުން ނެގި ސާމްޕަލްތަކަށް ބިނާކޮށްގެން މުޅި ރާއްޖޭގެ ހާލަތު އެގޮތަށް އޮތް ކަމަށް ބުނުން ބަލައިގަނެވެން ނެތް ކަމަށެވެ. ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީން މި ކަމަށް ރައްދެއް ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ ދިރާސާއަކީ ސިންގަލް ސެލެކްޓިވް ސާމްޕަލިން މެތޮޑޮލޮޖީގައި ކުރި ދިރާސާއެއް ކަމަށެވެ. އެފަދަ ދިރާސާއަކުން ހަމައެކަނި ނައިފަރުން ނެގި ސާމްޕަލްތަކުން އެއީ މުޅި ރާއްޖޭގައި އެ ކަން އޮތް ގޮތް ކަމަށް ކަނޑަނޭޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ކަހަލަ ސާމްޕަލް ސެލެކްޓިވް މެތޮޑޮލޮޖީއެއްގައި، ވަކި ސައިޓްތަކެއްގެ މައްޗަށް ބިނާކޮށް އެއީ މުޅި ރާއްޖޭގައި އެ ކަން އޮތް ގޮތް ކަމަށް ބުނުން ނުވަތަ އެއީ ނައިފަރު ހިމެނޭ ސަރަހައްދުގައި ވެސް އެ ކަން އޮތް ގޮތް ކަމަށް ބުނުމަކީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެ ދިރާސާއަކީ ހުއްދަ ނަގަން ޖެހޭ ދައުލަތުގެ އިދާރާއަކުން ހުއްދަ ނަގައިގެން އެ ތަނަށް ގޮސް ހަދާފައި އޮތް ދިރާސާއެއް ކަމަށެވެ. އެ ދިރާސާގެެ މެތޮޑޮލޮޖީއާއި އޭގެ ސައްހަ ކަމާ މެދު ފާޑު ކިޔޭނެ ކަމަށާއި އެ ކަން ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ކަން އިސްލާހު ކުރުމުގެ ގޮތުން މިނިސްޓަރު ބޭނުންފުޅުވަނީ ރާއްޖޭގެ މިނިސްޓްރީން އެ ކަން ދިރާސާކޮށް ނިންމުމަށް ފަހުގައި ބޭރުގެ އެ ދިރާސާ އިސްލާހު ކުރަން އެ ދިރާސާ ޝާއިއުކޮށްފައިވާ ޖާނަލްއާއި ލިއުންތެރިޔާއަށް އެ ކަން އެންގުމަށާއި އެ ޖާނަލްގައި އެ ކަން ސާފުކޮށް ބަޔާންކޮށްދޭސެވެ. މި މަސައްކަތް ހިނގަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަބަރޭ

    ރައްޔިތުންނަށް ނަމޫނާ ދައްކަވަން ތިއްބެވި ވެރިން މާސްއަޅުއްވާގޮތް
    ބޮޑުވަރު

  2. އަލިބެއްޔާ

    މިފަދަ ވަގުތެއްގައި މަޖްލިސްގައި އެންމެ ބަޙުސް ކުރަންވީ ކަންތައް ތީ..