ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ތިބެން ޖެހޭ ސިޔާސީ ބޭފުޅުން ނުހިމެނޭ ގޮތަށް އެ ކޮމިޝަންގެ އެކުލެވުން ބަދަލުކުރަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި ބިލް އެޖެންޑާ ކުރުން އަވަސް ކޮށްދޭން މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވަން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވުމުން އެ ހަބަރު ޝާއިއުކޮށްފައިވާ ލިންކެއް ހިއްސާކުރައްވައި ކުރެއްވި ޓްވީޓެއްގައި ޝަރީފް ވިދާޅުވީ ޖުޑިޝަރީ ތާހިރު ކުރަން ޖޭއެސްސީން ކުޑަކޮށްވެސް ބޭނުންވާނަމަ ގާޒީ ރަޝީދު މަގާމުގައި ވެސް ނުބަހައްޓާނެ ކަމަށެވެ.

ގާޒީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގައި އިންނެވި ގާޒީ އެވެ. ޔާމީންގެ މައްޗަށް އެ ހުކުމް އިއްވީ ރަޝީދު ހިމެނޭ ގޮތަށް އެ ބެންޗުގައި ތިއްބެވި ހުރިހާ ގާޒީންގެ އިއްތިފާގުންނެވެ.

ރައީސް ޔާމީންގެ މައްސަލަ ބައްލަވަން ގާޒީ ރަޝިދު ހިމެނޭ ގޮތަށް ބެންޗަކާ ހަވާލުކުރީ ކުރިން އެ މައްސަލަ ބައްލަވަމުން ގެންދެވި ކުރީގެ ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ފަހުގަ އެވެ. ހައިލަމް ސަސްޕެންޑް ކުރީ ވެސް އެ މައްސަލައިގެ ހުކުމާ ހިސާބަށް ގޮސްފައިވަނިކޮށެވެ.

ޖޭއެސްސީގައި މި ސަރުކާރުގެ އެންމެ އިސް ބޭފުޅުން ތިއްބަވައިގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮތުމުން، ޖޭއެސްސީގެ އެކުލެވުން އަވަހަށް ބަދަލު ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނު އަސާސީއަށް ތޯރިގް ހުށަހެޅުއްވި އިސްލާހު އަވަހަށް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްދޭން އޭނާ ގޮވާލެއްވި އެވެ.

ޓޮމް ހުށަހެޅުއްވި ބިލުގައި މިހާރު ޖޭއެސްސީގައި އިންނަވާ މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ މެންބަރު އުނިކުރަން ހިމަނާފައިވެއެވެ. މީގެއިތުރުން ބަންޑާރަ ނައިބު އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވެސް އެ ކޮމިޝަންގައި ނުހިމެނޭ ގޮތަށް އިސްލާހު ކުރަން ބިލުގައިވެއެވެ.

ރައީސް އައްޔަން ކުރައްވާ މެންބަރާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރުގެ ބަދަލުގައި ބިލުގައި ވަނީ، ގާނޫނީ ފަންނުގެ ދާއިރާ ފިޔަވައި އެހެން ފަންނުގެ ތެރެއިން ރައީސް ހުށަހަޅުއްވާ ނަންތަކުގެ ތެރެއިން މަޖިލީހުން ރުހުން ދޭ ބޭފުޅަކު ކޮމިޝަންގައި ހިމެނުމަށެވެ.

މިހާރު ވެސް ޖޭއެސްސީގައި އިންނަވާ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު އިންނަން މި ބިލުގައި ވެސް ވެއެވެ. މިހާރު ކޮމިޝަންގައި އިންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުގެ މެންބަރު ކަމުގައި އުއްތަމަ ފަނޑިޔާރު އިންނަވަން ބިލުގައިވެއެވެ.

ބިލުގައިވާ ގޮތުން ފަނޑިޔާރުންގެ ތެރެއިން ރިޓަޔާ ވެފައިވާ ފަނޑިޔާރަކު ވެސް އިންނަވަން ޖެހެއެވެ.

މިހާރު ވެސް ޖޭއެސްސީގައި އިންނަވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލު މެންބަރު ބިލުގައި ހިމަނާފައިވެއެވެ. މީގެ އިތުރަށް ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ އަންހެން ވަކީލަކު ވެސް އިންނަވަން ބިލުގައިވެއެވެ.

ރާއްޖޭގެ ޔުނިވާސިޓީތަކުގައި އިސްލާމީ ޝަރީއަތް ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބު ކުރާ މުދައްރިސަކު ވެސް ޖޭއެސްސީގައި އިންނަވަން ބިލުގައި ބުނެފައިވެއެވެ.

ޖޭއެސްސީގައި ސިޔާސީ މަގާމުތަކުގެ ބައެއް ބޭފުޅުން ވެސް ހިމެނޭތީ އެ ކޮމިޝަންގެ އެކުލެވުމަށް އަބަދުވެސް ފާޑުކިއުން އޮވެއެވެ. މި ސަރުކާރު އައުމުގެ ކުރިން އެންމެ ބޮޑަށް މި ވާހަކަތައް ދެއްކީ ވެސް އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިބެގެން މި ސަރުކާރުގެ އިސް ބޭފުޅުންނާއި މިހާރު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ އިސް މެންބަރުންނެވެ.

ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕިއަށް ލިބި ޖޭއެސްސީގެ މެޖޯރިޓީ ވެސް އެ ޕާޓީއަށް ލިބުނު ފަހުން ޖޭއެސްސީ މިހާރު އޮތް އެކުލެވުމާއެކު ކުރިއަށް ދާތީ އެމްޑީޕީއަށާއި އެ ކޮމިޝަންގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.

ޖޭއެސްސީގެ ރައީސްއަކީ ވެސް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިން އެވެ. ރައީސް ނަޝީދާއި ހިސާންގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައީސް ކަނޑައަޅާ މެންބަރެއްގެ ގޮތުގައި މަސްތޫރު ހުސްނީ އެ ކޮމިޝަންގައި އިންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންފަނު ޙަސަނު

    އަހަރެން ހިތުގެ އަޑީން ވަރަށް ދެރަވި މިބިލް މަޖްލީހަށް ހުށަހެޅުމުން. އެއީ ކަނޑައެޅިގެން މިބިލްގެ ނަތިޖާ ހަމަތަސައްވަރަށް ގެނެވޭތީ. ތިޔައިގަ ބުނެލާން ބޭނުންވަނީ ޖޭއެސްސީ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުގެ ހަރުގެ ބަދަލުކުރާން ހުށަހެޅުން ކަހަލަކަމެއް. ޙަޤީޤަތުގައި މިވަގު ދިވެހިރާއްޖެ ވަނީ ޤާނޫނީ ހުސްކަމެއްގެ އަނދިރީގައި. މުޅި ޖުޑިޝަރީވަނީ ޖުޑީޝަރީގެ މިނިވަންކަން ގެއްލި ކުރީގެ އިސްތިއުފާދެއްވި ރައިސް ވިދާޅުވާގޮތަށް ދުއްވާ އޮޑިޔަކަށް ވެފައި. އިންސާފެއް ނެތް. އަމިއްލަމަސްލަހަތު ދިފާޢުކުރާން ހަދާފައިވާ އިދާރާއެއް. މިހެން އެބަގޮވާ އެތަކެއް ދިވެހިރައްޔިތުންގެ ދުލުން. ޤާޒީން އިސްތިއުފާދެއްވަމުން ޕަބްލިކަށް އެދެއްވަނީ ހަމަ އެއްމެސެޖެއް ކުޑަގޮތަކަށް ބަސްމަގު ބަދަލުކޮށްލާފަ. އިންސާފުހޯދާއިދޭން ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ގެނެސްދޭން ރަޢީސް މައުމޫނާއި ޖެޕީގެ ލީޑަރ ބުރުމާ ޤާސިމްއާއި ޢަދާލަތު ޕާޓީ އެމްޑީޕީއާއި ގުޅިގެން މިގެނައިވެރިކަން ބަދަލުވީ އަންދާޤާނޫނު ހިނގާ ވެރިކަމަކަށް. ކުޑަދުވަސް ކޮޅެއްގެ ތެރޭ ހައެއްކަ އެމްއެމްޕީއާރސީ ނިކުމެއްޖެ. އެތަކެއް ފައިސާތަކެއް ވީނުވިއެއް ނޭގީ ބޭރުކޮށްލައިފި. ކިހާތާހިރު ވެރިކަމެއް މިއައީ. މިއީ މިއަދު ދިވެހިރައްޔިތުންގެ ދުލުން ގޮވާ އަޑު. އެކިދިމަދިމާލުން. ޝުކުރިއްޔާ