ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގަތުމަށް ބެއިން ކެޕިޓަލް އިން ނަގާފައިވާ 305 މިލިއަން ޑޮލަރުގެ ލޯނެއް ދެއްކުމުގައި ދަތިތަކާއި ދިމާވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސް ރޮއިޓާސްގައި ރިޕޯޓްކޮށްފައިވާ ގޮތުން، އެ ލޯނު ދައްކަން ޓީއެމްއޭއަށް ދަތިވާ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ އިގްތިސާދީ އަދި މާލީ ދަތިތަކެވެ.

ކޮވިޑް-19 ގެ ހާލަތު ދިމާވުމުގެ ކުރިން ދުވާލެއްގެ މައްޗަށް 2،000 އަށް ވުރެ ގިނަ ފަތުރުވެރިން ޓީއެމްއޭގެ ސީޕްލޭންތަކުގައި އުފުލަމުން އައި ނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަހު، ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަން އެއްކޮށް ހުއްޓުމަކަށް އައިސް، ޓީއެމްއޭގެ ބޯޓުތައް ވަނީ ގްރައުންޑްކޮށްފައެވެ.

މިދިޔަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވީ ނަމަވެސް ކުރިއާ އަޅާބަލާއިރު ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިންތިހާއަށް މަދުކަން ފާހަގަކޮށްލެވެއެވެ. ޓީއެމްއޭއަށް ލިބޭ އާމްދަނީ ބަންދުވެ، ލޯނު ނުދެއްކި ވަނިކޮށް، އެ ލޯނު ދެއްކުމުގެ ކަންކަން ހަމަޖެއްސުމަށް އެ ކުންފުންޏަށް މި މަހުގެ ނިޔަލަށް ފުރުސަތު ދީފަައިވާ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ޓީއެމްއޭ އަދި ބެއިން ކެޕިޓަލުން ވެސް އެ މައްސަލައިގައި ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށް ރޮއިޓާސް އިން ވަނީ ފާހަގަކޮށްފައެވެ.

ދެހާސް ސަތާރަވަނަ އަހަރުގައި ބެއިން އިން ޓީއެމްއޭ ގަތީ، އިތުރު ދެ ކުންފުންޏަކާ ގުޅިގެން، 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށެވެ. ޓީއެމްއޭގެ ލޯނަކީ، އެ މުއާމަލާތް ހިންގުމަށްޓަކާ ނަގާފައިވާ ލޯނެކެވެ.