ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނޭ ތެލަސީމިއާ ބަލީގެ ދެ މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

ތެލެސީމިއާ ބަލި މީހުންނަކީ ކޮވިޑް-19 ޖެހުމުގެ ސަބަބުން ނުރައްކާ ވެދާނެ އަދި ހައިރިސްކް ކެޓަގަރީގެ ތެރޭގައި ހިމެނޭ ބައެކެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ކޯވިޑް-19 ލައިވް ކަވަރޭޖްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ.އަޙުމަދު ޢުމަރު ވިދާޅުވީ، މިހާތަނަށް ތެލަސީމިއާ ދެ ބަލި މީހަކަށް ކޮވިޑް-19އަށް ފައްސިވެފައި ވާކަމަށެވެ.

"މި ދެ ފަރާތަކީވެސް އެއްވެސް ކަހަލަ އަލާމާތެއް، ފެނިގެން ޓެސްޓު ކުރެވުނު ފަރާތެއް ނޫން، ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން އައިޑެންޓިފައި ވެގެން ޓެސްޓު ކުރެވުނު ދެ ފަރާތެއް އެ ދެ ފަރާތަކީވެސް، އެ ދެ ފަރާތްވެސް ފައްސިވުމުގެ ސަބަބުން އައިސޮލޭޝަން ފެސިލިޓިއަށް ގެންދެވި މިހާރު ފަރުވާގެ މަރުހަލާ ނިމި، ދޫކޮށްލެވިފައި ދެ ޕޭޝަންޓުންވެސް ވަނީ". ޑރ. އުމަރު ވިދާޅުވިއެެވެ.

ޑރ. އުމަރު ވިދާޅުވީ، ތެލެސީމިއާ ކުއްޖަކު ހިމެނޭ އާއިލާއެއްގެ ތެރެއިން ކޮވިޑް-19ގެ މީހަކު ފެނުނުކަމުގައި ވިޔަސް، އެކަން އެންގުމުން އެކަން ބަލައި، އެޗްޕީއޭއާ ގުޅިގެން ޓެސްޓު ކުރުމުގެ ކަންތައްތަކާއި އަދި އެހެނިހެން ކަންތައްވެސް ވީހާވެސް ފަސޭހަކަމާއެކު ކުރެވޭނެ ގޮތްތައް ހަމަޖައްސައި ދޭނެ ކަމަށެވެ.

"އަދި އެފަދަ ހާލަތެއްގައިވެސް އެ ކުއްޖާ ބޭނުންވާ ހިދުމަތްތައް ލިބުމުގައި ބުރުލެއް ނާރާ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަކަށް މަސައްކަތްތައް ކުރެވިފައި ވާނެ، އަދި ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް އެ މަސައްކަތް ކުރިއަށްދާނެ". ޑރ. އުުމަރު ވިދާޅުވިއެވެ.