މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ މަޝްވަރާއަށް ދިއުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ގޮވާލައިފިއެވެ.

ޑީއާރުޕީން އެގޮތަށް ގޮވާލި އިރު، ޔާމީން ލީޑް ކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރަން އެ ކޯލިޝަންގެ ލީޑަޝިޕާއި ޑީއާރުޕީގެ ލީޑަޝިޕްގެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޑީއާރުޕީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ޖަލުގައި ތިބި ގައިދީންނަށް އެއް ހަމައަކުން އަމަލު ކުރަން ޖެހޭ އިރު، ރައީސް ޔާމީނަށް ގާނޫނީ ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވާ ބެހެއްޓުމުން މިނިސްޓަރު އިމްރާންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަން ދެން ޔާމީން މިނިވަން ކުރުމަށް ޑީއާރުޕީގެ ޓްވީޓްގައި ގޮވާލާފައިވެއެވެ. އެހެން ނޫންނަމަ، އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާނެ ކަމަށް އެ ޓުވީޓުގައި ލިޔެފައިވެއެވެ. އޭގެ ކުރިން ރައީސް ޔާމީން މިނިވަން ކުރުމުގެ މަޝްވަރާ ކުރަން ފަށަން ވެސް އެ ޓުވީޓުގައިވެއެވެ.

މިނިސްޓަރު އިމްރާނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އަންނަ ހޯމަ ދުވަހު ވައްދާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކަށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ އިއްޔެ ހާމަކުރައްވައިފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމުގެ މަޝްވަރާއަކަށް ދިއުމަށް ޑީއާރުޕީން ގޮވާލި އިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ބައްދަލުނުކުރެވި ދުވަސްތަކެއް ވެއްޖެއެވެ. ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެ އިންތިޒާމު ހަމަޖެހިގެން ނުދާ ކަމަށް ވަކީލުން ވިދާޅުވެއެވެ.

އެންމެ ފަހުން ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން އެ ފުރުސަތު ހަމަޖައްސައިދޭން އަމުރު ނެރެފައިވަނިކޮށް މާފުށްޓަށް ރައީސް ޔާމީންގެ ވަކީލުން ވަޑައިގަތުމުން އެ ރަށަށް އެރުމުގެ ހުއްދައެއް ނެތުމުން ރަށަށް އަރަން ފުރުސަތެއް ނުދިނެވެ. ކޮވިޑްގެ ހާލަތު އޮތުުމުން ބައެއް ރަށްރަށަށް އެރެނީ އެޗްޕީއޭގެ ހުއްދަ އޮވެގެނެވެ.

މިފަދަ ހުރަސްތަކާއެކު ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭތީ އެމަނިކުފާނުގެ ގާނޫނީ ވަކީލުން ތުހުމަތު ކުރައްވަނީ އެއީ ކަރެކްޝަން ހިމެނޭ ވުޒާރާގެ މިނިސްޓަރު އިމްރާން ގަސްދުގައި ފުރުސަތު ނުދެއްވަން ކުރުވާ ކަންކަން ކަމަށެވެ. މި ކަން ދޮގު ކުރައްވައި އިމްރާން ވިދާޅުވަނީ ވަކީލުން ރައީސް ޔާމީނާ ބައްދަލުކުރަން ބޭނުން ނުވަނީ ކަމަށެވެ.

ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތްތައް ހައި ކޯޓުގައި ފަށާފައިވާ އިރު، އެމަނިކުފާނަށް ހިޔާނާތާ ގުޅުވައި އުފުލި އިތުރު ދެ ދައުވާއެއްގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ފަށާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ހޯމްމިނިސްޓަރ މަސައްކަތްކުރައްވަނީ ސިހުރޭކިޔައިގެން ސަހަރާތަކުގެ މަސައްކަތް ކުރަން. ރާއްޖޭގެ އެހެން ކަމަކާ މީނާނޫޅެއި އިމްރާނު އަވަހަށް އިސްތިއުފާދޭންފެނެއި

  2. ވަތަނީ

    މިހާރ ރުން މިހާ ރަށް ރ ޔާމީން މިނިވަންކޮށް ގައުމުގެ އިގްތިސާދު ހަރ ރުދަނާ ކު ރުމުގެ މަސްވަ ރާތައް އެމަމިކުފާނާއި އެކު ކު ރިއަށް ގެނދަން ޖެހެއެވެ މިދަތި ދަނޑިވަޅުގައި
    ތަ ޖު ރިބާ އާއި ފަންނުވެ ރރ ރިކަން ހުު ރރރި ބޭބޭފުޅުންގެ މަސްވަ ރާ ހޯދުމަކީ އެކަމުގެ ފައިދާ އާއި މަސްލަހަތު ހިމެނޭ ކަމެކެވެ ބަދަލު ހިފުމާއި އަނިޔާވެ ރިކަމުން ލިބޭނެ ހިތްހަމަ
    ޖެހުމެެއްނެތެވެ.