ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ އަށް ގެނައުން މަނާކޮށްފައި އޮތް މުއްދަތު އިތުރު ނުކުރާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ބަންގްލާދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ. އެހެންކަމުން އެ ކުރިން މަނާކޮށްފައިވާ އޮތް މުއްދަތު އަންނަ މަހުގެ 18ވަނަ ދުވަހަށް ހަމަވާނެއެވެ. އެގޮތަށް އޭރު ކަނޑައެޅީ މިދިޔަ އަހަރު އިކޮނޮމިކް މިނިސްޓްރީން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ބަންގްލަދޭޝް އަށް ކަނޑައަޅާފައިވާ ކޯޓާ ހަމަވުމުންނެވެ. ކޮންމެ ގައުމަކަށްވެސް 150،000 ކޯޓާ ވަނީ ކަނޑައަޅާފައެވެ.

މިދިޔަ އަހަރު ނޫސްވެރިންނާއި ބައްދަލުކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ބަންގްލަދޭޝް ލޭބަރުން ގެނައުމަށް ކޯޓާ ހަމަވެފައިވާތީ ދެން ގެނެވޭނީ އެހެން ގައުމުތަކުގެ ލޭބަރުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ބަންގްލަދޭޝް ލޭބަރުން ރާއްޖެއަށް ގެނައުން މަނާކުރި މުއްދަތު އިތުރުކުރި ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ ނުބައިކޮށް ކަމަށެވެ. އެކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި އެކަމުގެ މައުލޫމާތު އެ މިނިސްޓްރީން ހާމަކުރާނެ ކަމަށްވެސް އެކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5،000 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލައިފައެވެ. އެ މަސައްކަތުގައި ފޮރިން މިނިސްޓްރީއާ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 60،000އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅެނީ ގާނޫނާއި ހިލާފަށެވެ.