ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކުރުމަކީ އަރަތެއްކަމުގައި ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެބުރުއަރީ 1 ގެ އަމުރު ނެރުމުގައި 3 ފަނޑިޔާރުންގެ ނުބައި ނިޔަތެއް ނެތްކަމުގައި ދައުލަތުން ސަރީހަ ބަހުން ބުނެ އެއްބަސްވާ ކަމަށެވެ.

" ފަނޑިޔާރުންގެ އަޤުލަބިއްޔަތުން ސާފުކޮށް ނިންމަވާފައި އޮތް އަމުރެއް ތަންފީޒު ނުކޮށް ފުލުހުންނާއި ސިފައިން ތިބީ ކީއްވެތޯ؟ މިއީ ބޮޑު އަރަތެއް" ދިޔާނާ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށްފަހު އެ ދުވަހުގެރޭ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވަނީ ގިނަ ދައުވާތަކެއް ވެސް އުފުލާފައެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ހިމެނެއެވެ. މީގެތެރެއިން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އެ ދެ ފަނޑިޔާރުން އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ ހުކުމްކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު އެއް އަހަރާއި ހަ މަހަށް ޖަލަށްލުމަށް ހުކުމް ކުރިއިރު ގަވަރްމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް މެދުކަނޑާލި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އުއްތަމަ ފަނޑިޔާރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ދާދިފަހުން ހުކުމްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސަ

    އަނގަނުތަޅާ ފިރިކަލުން ކައިރި ތިއަރަތް ކިޔައިދީ ދަރަނިތަށް އަދާ ކުރޭ.. އޭރުން ތިއަރަތް ފުރިހަމަވާނީ

  2. ބަތޮލް

    ޖާބިރު ރިސޯޓެއް ވިއްކާފަ ހޯދި ލާރި ގާސިމު އަތުގައި ހުއްޓައި މެމްބަރުން ގަންނަން ޖެހުނީމައި ޚަރަދު ކޮށް އިންވެސްޓްމަންޓުން ފައިދާއެއް ނުކޮށް ލާރިކޮޅު ގެއްލުމަކީ އެ ފައިސާ ބޭނުންކޮށްގެން ނެރުނު ޙުކުމް ތަންފީޛު ކުރަން ދައުލަތަށް ލާޛިމުވާ ސަބަބެއް ތޯ ގޫބައްޑާ ވިދާޅުވެ ދެއްވަފާނަން ތޯ؟