ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އެ އެސޯސިއޭޝަންގެ އިންތިހާބުގައި އެއްވެސް މައްސަލައެއް ހިނގައިދިޔަ ކަން ފާހަގަ ނުކުރެއްވޭ ކަމަށާއި ޔޫތު މިނިސްޓަރުގެ ހައިސިއްޔަތުން އެ އިންތިހާބު ބަލައިގަންނަ ކަމަށް މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލާ ގުޅިގެން މަހްލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބުގައި އެއްވެސް މައްސަލައެއް ނެތް ކަމް އޭޝިއަން ފުޓްބޯލް ކޯޕަރޭޝަން (އޭއެފްސީ) އާއި ދުނިޔޭގެ ފުޓުބޯޅަ އެސޯސިއޭޝަން، ފީފާ އިން ވެސް މިހާރު އަންގާފައިވާ ކަމަށެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އިން މި ކަމުގައި ރަސްމީކޮށް ވަކި ނިންމުމެއް ނިންމައި މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ. ނަމަވެސް އެ ކޮމިޝަނުން ވެސް އިންތިހާބު ބަލައިގަންނާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޔޫތު މިނިސްޓަރުގެ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ވެސް އިންތިހާބު ބަލައިގަންނަ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑު ޕާސަނަލީ ވެސް އެ އިންތިހާބު ބަލައިގެންފައިވަނީ. އޭގައި އެއްވެސް މައްސަލައެއް އޮތް ކަމަކަށް އޭއެފްސީން ވެސް، ފީފާއިން ވެސް އަންގާފައިވޭ، ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަދި އަމުދުން އެފްއޭއެމްގައި ރަޖިސްޓްރީވެފައިވާ މެންބަރު ކްލަބަކުން ވެސް ބުނެފައެއް ނުވޭ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް އެގޮތަށް ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރަސްމީކޮށް މައުލޫމާތު ނުލިބި، ނަމަވެސް މައުލޫމާތެއް ލިބިފައި އޮތް ވާހަކަ މިނިސްޓަރު ވިދާޅުވުމުން އޭގައި މުޅިން އެހެން މާނައެއް ދޭހަވާ ކަމަށެވެ. ގާނޫނާއި ގަވާއިދުތަކާ އެއް ގޮތަށް ކަންކަންދާ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ، ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބެއް ހުއްޓުވުމުގެ ބާރެއް މިނިސްޓަރަށް ނޯންނަ ކަމަށެވެ.

މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން މައްސަލައެއް ބަލާތީވެ ބަލައި ދޭން މަޖިލީހުން އެދުމުން މިނިސްޓްރީން އެދުނިން އިންތިހާބު ފަސްކޮށްލަ ދޭން ކަމަށާއި އެކަމަކު އިންތިހާބު ހުއްޓުވަން އަމުރެއް ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފްއޭއެމް އިން ގާނޫނާއި ގަވާއިދާ ހިލާފަށް އެތައް ކަމެއް ކުރާ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވިއެވެ. އެފްއޭއެމްގެ އިންތިހާބު މަޑުޖައްސާލަން މަޖިލީހުން ޔޫތު މިނިސްޓްރީގައި އެދުނީ ވެސް އެ މައްސަލަ މަޖިލީހުން ދިރާސާކުރުމަށް ޓަކައި ކަމަށް ބުނެއެވެ.

އެފްއޭއެމްގެ އިންތިހާބު މިނިސްޓަރު މަހްލޫފު ނުހުއްޓުވުމުން އާޒިމް ހިމެނޭހެން ބައެއް މެންބަރުންގެ ނުރުހުން އެ މައްސަލާގައި އެބަ އޮތެވެ. އެއީ އެފްއޭއެމްގެ ރައީސް ކަމުގެ ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިހާބުވި އިރު، އެފްއޭއެމްއިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރި މައްސަލާގައެވެ.

ނިއުރޭޑިއަންޓްއަކީ އާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ކްލަބްއެކެވެ. އާޒިމަކީ އެ ކްލަބްގެ މަސްއޫލުވެރިޔާ އަހުމަދު ވަހީފުގެ ދަރިކަލުންނެވެ. އަދި ކްލަބްގެ ކުރީގެ ޗެއާމަނެވެ. މިހާރު ކްލަބްގެ ޗެއާމަނަކަށް ހުންނެވީ ވެސް މަޖިލިސް މެންބަރެކެވެ. އެއީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިދާތާގެ ބެޑްސީޓް

    އެހެންތާ ވާނީ އެނޫގޮތެއް ނެއްވިޔާ ކުރެވޭކަން ކަމެއް ކުރެވެން އޮތްނަމަ ތިހެން ނުބުނާނެ

    • ޒަކް

      އާޒިމާ ނިއުރޭޑިއަންޓުން އެކަން ޤަބޫލުނުކުރަނީ.. މަހޭވެސް ކުރިން ގަދަ ދެއްކި ޝަވީދު ރީލޯޑެއްކޮށްލިއްތޯލަ ރަށުތެރޭގަ ކިޔަނީ މިހާރު ދެންމާ ބައްސާމުވެގެން އެއްތަށިން ނޫނީ ނުކެވި އަބަދު ބައްސާމާއެކު ޢުޅުއްވަނީ.. ނޭގެ 7 މިލިޔަންގެ ޕެންޓްހައުސްއެއްވެސް ގަތްވާހަކަ އެހީ