ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި އެ ބަލީގެ ވޭދަނަ (ކޭސް)ތައް ގިނަވަމުން ދަނީ މާ ކުރިން ވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ވެރިރަށް މާލެ ސަރަހައްދަށް އިތުރަށް މީހުން ޖަމާވެ ތޮއްޖެހެމުންދާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ހާލަތު ގޯސްވަމުންދާތީ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ބޮންޑެ ވިދާޅުވީ، އެޗްޕީއޭގެ ފިޔަވަޅުގައި އެއްވެސް އަސާސެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ރޭގަނޑު ވަގުތު ފައި މަގުގައި ޑެލިވަރީ ކުރާށޭ، ބައިސްކަލުގައި ވެސް ޑެލިވަރީ ނުކުރެވޭނޭ، ދުއްވާ އުޅަނދު ފަހަރު ނުދުއްވޭ، މީގަ އެއްވެސް ލޮޖިކެއް ނުފެނޭ، މީގައި އޮތް ލޮޖިކެއް އެބަ ސާފުވާން އެބަ ޖެހޭ،" ބޮންޑެ ވިދާޅިވިއެވެ.

ބޮންޑެ ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ރިސޯޓްތަކާއި ސިނާއީ ރަށްރަށުގެ ވިޔަފާރި ދަށްވެގެން ދިޔަ ހާލަތުގައި އެ ތަންތަނުގައި މަސައްކަތް ކުރާ އެތައް ބިދޭސީންނެއް މާލެ އަރައިގެން އެބަ އުޅޭ ކަމަށެވެ. ވަޒީފާއަށް އަސަރުކުރި އެތައް ބަޔަކު މާލެ އައިސް ވިޔަފާރިކުރަމުންދާ ކަމަށެވެ. އެހެންކަމުން މާލެ އިތުރަށް ތޮއްޖެހި ކޮވިޑް-19 އިތުރަށް ފެތުރިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެއިން ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ގޮތުގެ ވާހަކަ ދައްކަންވީ، މާލޭގައި ކޮވިޑް-19 އޮތީ، އެކި ކްލަސްޓާތަކާއި ތޮއްޖެހުމާއި، ބިދޭސީން ތޮއްޖެހުމާއި، އެކި ތަންތާގައި ފިހާރަތައް ހުޅުވައިގެން އުޅުމާއި، ރިސޯޓްތަކުންނާއި ސިނާއީ ރަށްރަށުން މާލެއަށް އޮއްސާލީ އެކި ދިމަދިމާއިން،" ބޮންޑެ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމަކީ ގިނަގިނައިން ޓެސްޓް ކުރުން ކަމަށް ބޮންޑެ ފާހަަގަކުރެއްވިއެވެ. އަދި މާލެ ސަރަހައްދަށް އިތުރަށް ބިދޭސީން ޖަމާނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަންވީ ކަމަށް އޭނާ ވިދާޅުވިއެެވެ. ނަމަވެސް ފުރަބަންދުގެ ހާލަތަށް ކުރިން ގެންގޮސް މިއިން އެއްވެސް ކަމެއް ހާސިލުވެފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓެސްޓް އިތުރު ކުރަންވީ، ޑަބްލިއުއެޗްއޯއިން އަންގަނީ ޓެސްޓް ކުރަން، ޓެސްޓް، ޓެސްޓް، ޓެސްޓް، ވީހާވެސް ގިނައިން، އެކަމަކު ޓެސްޓް މި ކުރެވެނީ މީހަކު ޖެހިގެން އެތައް ހަފުތާއެއް ވެގެން މުޅި ތަނުގައި ފެތުރޭ ފެހުން، އަޅުގަނޑު ހިތަށް އަރާ ގަސްތުގައި މާލޭގައި ބަލި ފަރުތަން އުޅެނީބާއޭ ވެސް." ބޮންޑެ ވިދާޅުވިއެވެ.

ރާއްޖޭން މިހާތަނަށް 6،779 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅު ވެފައި ވަނީ 4،222 މީހެކެވެ. މި ބަލީގައި ރާއްޖޭން މިހާތަނަށް 27 މީހަކު ނިޔާވެފައެވެ. މިިހާރު ބައްޔަށް 2،531 މީހަކަށް ފަރުވާދެމުން އެބަދެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ތިބީ މާލެ ސަރަހައްދުގައެވެ. މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ 62 ޕަސެންޓް އެނދު ވެސް އޮތީ ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ވަޒީރެއާލާ

  ބޮންޑޭ ވެސް ބައެއްފަހަރު ވާހަކަދައްކަނީ ހަމަޖެހޭ ގޮތަކަށްނޫން. މާލެއަށް މީހުން އެރުން ވަނީ މަނާކޮށްފައި. މާލޭގައި ކުރިން ތިބި އެތައް ބަޔަކު ރަށްރަށަށް ބަދަލު ވެއްޖެ. މާލޭގައި ތިބި ބޭރުގައުމު ތަކުގެ އެތައްހާސް ބަޔަކު އެމީހުންގެ ގައުމު ތަކަށް ހިނގައްޖެ. އެހެންވީމާ މިހާރު ވޭދަނާތައް ގިނަވަނީ މާލެ އިތުރަށް ތޮއްޖެހިގެނެއްނޫން. މިސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން. ކޮވިޑް ރަނގަޅަށް މެނޭޖް ކުރަން ނޭގުމުން. މަޖިލީހުގައި މޮޅު ވާހައެއްދައްކަންވެގެން ހިތަށްއެރި އެއްޗެއްކިޔަނީދޯ؟

 2. އެމަންޖެ

  ކޮވިޑް-19ގެ ވޭދަނަތައް ގިނަވީ މިސަރުކާރުގެ ނާގާބިލިއްޔަތު ކަމުންނާ ކެނެރީގޭ ބުއްޅަބޭގެ އަތްގަދަކަމުން.

 3. ޑރ

  ޑ ރ ބޮންޑެ، ޑ ރ ދޮންބިލެތް، ޑ ރ އަނދުން

 4. ޙަސަނާ

  ކުލިން މަންފާ ހޯދައިގެން އުޅެންވެސް ބޭނުން ބަންދުކުރި ރިސޯޓުތަކުގައި މަސައްކަތްކުރި ތާރޑުޕާޓީ ގުރޫޕުތަކުގެ މީހުންތައް ވެސް ދޫޚޮއްލީމާ ތިމާލެއިން ހިމާޔަތްހޯދައިގެން މާލެތެރޭގަވީ ކުލިން ފައިދާވާ މީހުންބޭނުންވަނީ މާލެ ތޮއްޖެގުން....

 5. ހުސޭނުބޭ

  މީ ކޮންތާކު މަރުމޯލެއް!