ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާ ގުޅޭ ބައިނަލް އަގްވާމީ މުއާހަދާއަކާއި، ބައިނަލްއަގްވާމީ އިތުރު ދެ މުއާހަދާއެއްގައި ދިވެހިރާއްޖޭން ބައިވެރިވެ ރާއްޖޭގައި ތަސްދީގު ކުރުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދިނުމަށް ފާސްކުރި ބައިނަލްއަގްވާމީ އެއް މުއާހަދާއަކީ އިންޓަނޭޝަނަލް ކޮންވެންޝަން ފޮ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންޑް ފޯސް ޑިސްއަޕިއަރެންސް (ސީއައިޑީ) އެވެ.

އެ މުއާހަދާގައި ބައިވެރިވެ ރާއްޖޭގައި ތަސްދީގު ކުރުމަށް ރުހުން ދޭން ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ. އެ މުއާހަދާ ތަސްދީގު ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

އެ މުއާހަދާގައި ބައިވެރިވާން ރުހުން ދޭން މަޖިލީހުން ފާސްވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއީ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކާ ގުޅޭ މުއާހަދާއެއް ކަމަށެވެ. އެ މުއާހަދާގައި ބައިވެރިވުމުން އެފަދަ މައްސަލަ ތަހުގީގު ކުރުމުގައި ރާއްޖޭން ދެން އަމަލު ކުރަން ޖެހޭނީ މުއާހަދާގައިވާ ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ވެސް ގެއްލުވާލާފައިވާ މީހުނާއި ކަނޑުމަތީ އެކި ހާދިސާތަކުން ގެއްލިފައިވާ މީހުންގެ މައްސަލަތައް ދިމާވެފައިވެއެވެ. މި ގޮތުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލައަށް އިންސާފު ލިބުން ލަސްވާތީ ބޮޑެތި ކަންބޮޑުވުންތަކެއްވެއެވެ.

މިފަދަ މައްސަލަތައް ހައްލު ކުރަން ރިޔާސީ ކޮމިޝަނެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވިއެވެ. އެ ކޮމިޝަނުން ހޯދި ހޯދުމަށް ފަހުގައި، ވިދާޅުވެފައިވަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ވެގެން ރިލްވާން މަރާލާފައިވާ ކަމަށެވެ. އެކަމަކު ކޮމިޝަންގެ މަސައްކަތްތައް ލަސްވާތީ ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވެފައިވެއެވެ.

މަޖިލީހުން ރުހުން ދޭން މިއަދު ފާސްކުރި ދެވަނަ އެއްބަސްވުމަކީ، ފްރޭމްވޯކް އެގްރިމަންޓް ފޮ އެސްޓަބްލިޝިން އިންޓަނޭޝަނަލް ސޯލާ އެލަޔަންސްއެވެ. އިއާދާކުރަނިވި ހަކަތައާ ގުޅޭ އެއްބަސްވުމަށް ރުހުން ދޭން ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ތިންވަނަ މުއާހަދާއަކީ، އޮޕަރޭޝަން ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗްރަލް ރައިޓްސް (އޯޕީއައިސީއެސްސީއާރް) އެވެ. އެ މުއާހަދާގައި ބައިވެރިވާން ރުހުން ދޭން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.