"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓްތައް ލިބެން ޖެހޭ މީހުންގެ ލިސްޓްތައް އެކުލަވާލައި މި ސަރުކާރުން އިއްޔެ އާންމު ކުރި އިރު، ފްލެޓް ލިބޭނެ މީހުން ކަނޑައެޅުމުގައި ސަރުކާރުން ބެލި މިންގަނޑުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިދޭން އެދޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ ހިޔާ ފްލެޓްތައް ލިބޭނެ މީހުން ކަނޑައެޅުމުގެ މަސައްކަތް ކުރެއްވި ސަރުކާރުގެ މުވައްޒަފުން އެ ކުރެއްވީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.

އެކަމަކު އެފަދަ ބޮޑު މަސައްކަތް ކުރައްވާ އިރު، އަތުން ކައްސާލައިގެން ގޮސްދާނެ ކަންކަން ވެސް ހުންނާނެތީ އާއި ގިނަ ބައެއްގެ ޝަކުވާތައް ވެސް ހުންނާނެތީ ސަރުކާރުން މިހާރު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ފްލެޓަށް ކުރިމަތިލި މީހުންނަށް ލިބެން ޖެހޭ ޕޮއިންޓްއެއް ލިބިފައިވާ ކަން ނުވަތަ ނުލިބޭ ކަން ސާފުވާނީ އެ ކަން ކުރުމުގައި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށް މިނިސްޓްރީން ގެންގުޅުނު މިންގަނޑުތައް ސާފުވުމުންނެވެ. އެ މިންގަނޑުތައް މަޖިލީހަށް ވެސް ފޮނުވައިދޭން އެދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިރިއުޅުމުގެ ފެންވަރު މިނުން ނުވަތަ އެ ނޫން ވެސް ކަމެއް މިނުމަށް އެ ގެންގުޅުއްވި މިންގަނޑުތައް ރައްޔިތުންނަށް ސާފުވީމަ އެ މީހަކަށް ލިބެންވާ ޕޮއިންޓް ލިބުނު ކަމަށް ނުވަތަ ނުލިބޭ ކަމަށް ނިންމަން ފަސޭހަ ވާނީ. އެހެންވީމަ މަޖިލީހުން ވެސް އެދޭނަން އެ މިންގަނޑުތައް ރައްޔިތުންނަށް އޮޅުން ފިލުވައިދީ ހަމާކޮށްދޭން،" ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި އެ މަޝްރޫއުގައި ފްލެޓްތައް ލިބޭނެ މީހުން އެ ސަރުކާރުގައި ވެސް އެކުލަވާލައި ލިސްޓް އާންމުކޮށް އެ ފަރާތްތަކަށް ލިއުން ވެސް ހަވާލުކުރިއެވެ. ނަމަވެސް އޭރު ފްލެޓްތައް ލިބޭ މީހުން ކަނޑައެޅީ އިންސާފުން ނޫން ކަމަށް ބުނެ މި ސަރުކާރުން އަލުން އެ މަސައްކަތް ފެށީއެވެ.

އެ ކަމަށްޓަކައި ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީން މައްސަލަ ބަލައި، މީހުންގެ ދިރިއުޅުމުގެ ހާލަތުތައް ވަޒަން ކުރުމަށް ފަހު، ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު އިއްޔެ އާންމުކުރިއެވެ. އެ ލިސްޓުގައި، ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓުގައި ހިމެނޭ 111 މީހެއްގެ ނަމެއް ނެތެވެ. ކުރީގެ ލިސްޓުން 50 ޕަސެންޓަށްވުރެ ދަށުން ޕޮއިންޓު ލިބުނު އެ މީހުން ޑިސްކޮލިފައި ކުރީއެވެ.

މި ސަރުކާރު ފެށުނު ފަހުން ހިޔާ ފްލެޓްތަކުގެ އަމަލީ މަސައްކަތް މަޑު ދުވެއްޔެއްގައި ކުރިއަށް ދާތީ އާއި ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީން ހިޔާ ފްލެޓްތައް ލިބެން ޖެހޭ ހައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ލަސްވަމުން ދިއުމުން ގިނަ ބައެއްގެ ފާޑުކިއުންތައް ކޮމިޓީއަށާއި ސަރުކާރަށް އަމާޒުވެގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަޖިލިސް

    މަޖިލިސް އަތްނުބާނާ އެއްކަމެއްވެސް ނޯވޭތޯ

  2. ސުޢޫދު

    ފުލެޓްގެ ވާހަކަސަރުކާރުގެ އެކިގުނަވަންތަކުން ދައްކަނީ މިމަހުކުރި އޮޑިޓުތަކުން ލިބުނު ނަތީޖާއިން ނޫސްތަކުން ފެލެޓްތަކުގެ ހަބަރު ގެނަސް ނުދީ ރައްޔިތުންނައް ސާފުކޮއްދީ އައްނަމަހު ދައުލަތައް ބޭނުން ވާވަރައް އެއްމަސްދުވަހުގެ ކޮއްތައްވާވަރައް ރުފިޔާހުރިތޯ ކުރިއޮޑިޓްތައްވީތަނެއް ޔަގީނުންވެސްނެއް ބާޒާރު ން ބައެއްކާބޯތަކެތި ލިބުންދަތި މީހާރުވެސް ފުލެޓްތައް ކުއްޔައްލިބެން އެބަހުރި ކުޑައަގުގަ ރައްޔިތުން އޮޅުވާލުމައް ފުލެޓްތަކުގެ ވާގުތީލިސްޓް ނެރެގެން މިއުޅެނީ

  3. ކައްނެލި އޮޑި

    ޙައްޤުވެރިންނަށް ފްލެޓް ދޫކުރުމުގެ ވިސްނުންފުޅަކީ، ރަނގަޅު ވިސްނުންފުޅަކަށް ވީނަމަވެސް، އިޢުލާނު ކުރުމުގައި ޙައްޤުވެރިންނަކީ ކޮބައިތޯ ބަލައިއުޅޭ މިންގަނޑުތަކާއި ފްލެޓް ދޫކުރުމުގައި ޙައްޤުވެރިންނަކީ ކޮބައިތޯ ބަލައިއުޅޭ މިންގަނޑުތައް ތަފާތުވާނަމަ، ޙައްޤުވެރިންނަށް ފްލެޓް ނުލިބޭނެއެވެ.