ކުރީގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ގެ އާއިލާގެ ފަސް މެންބަރަކަށް ފްލެޓް ލިބުނުކަމަށް ބުނެ "ރާއްޖެ ޓީވީ" އިން ހެދީ ދޮގު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ވަރަށް ކުރީކޮޅުން ފެށިގެން އަބްދުﷲ އަހްމަދު އަކީ ޕީޕީއެމްގެ މެންބަރެކެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް ވަކިކުރަން ސޮއިކޮށް ޕީޕީއެމް ދޫކޮށްލި 13 މެންބަރުންގެ ތެރޭގައި އޭނާ ހިމެނުނެވެ. އެމައްސަލައިގައި އޭނާ މަޖިލިސް މެންބަރުން ވަކިވެފައިވާ ކަމަށް ވެސް ނިންމިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓް ލިބުނު އޭރުގެ ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކާއި މަޖިލިސް މެންބަރުންގެ އާއިލާތަކުގެ މައުލޫމާތުތައް ކަމަށް ބުނެ "ރާއްޖެ ޓީވީ" އިން އާއްމު ކުރި މައުލޫމާތުތަކެއްގައި ބުނީ އަބްދުﷲ އަހްމަދުގެ އާއިލާ ފަސް މެންބަރަކަށް ވެސް ފްލެޓް ލިބުނު ކަމަށެވެ.

ނަމަވެސް އެކަން ދޮގުކޮށް އަބްދުﷲ އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އާއި އެއްބަނޑު އެއްބަފާ ތިބެނީ ފަސް ބެއިން ކަމަށާއި މިއިން އެއްވެސް މީހަކަން އަދި ޢާއިލީ ގުޅުންހުރި އެއްވެސް މީހަކަން ފްލެޓެއް ނުލިބޭ ކަމަށެވެ. "ކިހިނެއް ލިބުނު ފްލެޓްއެއްބާ؟! ތިޔަ ގެންގުޅުއްވާ ލިސްޓަކީ ކޮބައިބާ؟!" އަބްދުﷲ އަހްމަދު ސުވާލު ކުރެއްވިއެވެ.

އޭނާ ވަނީ "ރާއްޖެ އެމްވީ" ގައި >ޚަބަރު ލިޔުއްވި ނޫސްވެރިޔާ އެ މަޢުލޫމާތު ލިބިފައިވަނީ އިތުބާރު ހުރި މަސްދަރަކުން ކަމަށް ބުނާ ކަމަށެވެ. އެހެންކަމުން އިތުބާރު ހުރި މަސްދަރުން ލިބުނު މަޢުލޫމާތު އެ ފަސް މީހުންގެ ވަނަވަރާ އެކު ހާމަ ކޮށްދެއްވުމަށް އަބްދުﷲ އަހްމަދު އެދިވަޑައިގެންނެވިއެވެ. އަނބުރު ކަތިލަން ކުރާ މަސައްކަތުގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓް ލިބުނު މީހުންގެ ލިސްޓް އަލުން ރިވިއުކޮށް އިއްޔެ ވަނީ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ހާމަކޮށްފައެވެ. ކުރިން ފްލެޓް ލިބުނު ގިނަ ބަޔަކަށް މިހާރު ފްލެޓް ނުލިބޭތީ އެކަމުގެ ޝަކުވާތައް އިތުރުވުމާއި އެކު ސަރުކާރަށް ތާއިދުކުރާ މީޑިއާތަކުންނާއި، މީސް މީޑިއާ އެކްޓިވިސްޓުން ގެންދަނީ ޔާމީންގެ ސަރުކާރުގައި ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ކަމަށް ބުނެ ގިނަ ބައެއްގެ ފޮޓޯ އާއި އެކު ތަފާތު މައުލޫމާތުތައް ފަތުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ތި ރާ ޓީވީ އަކީ އަބަދުވެސް މީހުންގެތެރޭ ނަފުރަތު އުފައްދާ ޗެނެލެއް އުވާލާ މިހާރުން މިހާރައް

  2. އިބްރާ

    އާއްމުކޮށް ދޮގު ވާހަކަ ފަތުރާ ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދާ ބައެއް.