އެންސީއޭ އަލްކައުން މަދަހަ މުބާރާތް ކާމިޔާބު ކަމާއިއެކީ ނިންމާލައިފިއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތް އިއްޔެއާ ހަމައަށް ކުރިއަށް ގެންގޮސްފައިވާއިރު، މި މަދަހަ މުބާރާތުގެ ރިކޯޑިންތައް މި ފެށޭ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަލްކައުން އިން ދެއްކުމަށް ވަނީ ހަމަޖެހިފައިއެވެ.

ޖުމްލަ 65 ސްކޫލަކުން 530 ދަރިވަރުން މި މުބާރާތުގައި މަދަޙަ ހުށަހަޅައިދީފައިވެއެވެ.

މި މުބާރަތް ކުރިއަށް ގެންގޮސްފައިވަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ނުވައަހަރުން ދަށުގެ އުމުރު ފުރައާއި، 11 އަހަރުން ދަށުގެ އުމުރު ފުރައާއި، 13 އަހަރުން ދަށުގެ އުމުރު ފުރައާއި އަދި 16 އަހަރުން ދަށުގެ އުމުރު ފުރައެވެ.

"އެންސީއޭ އިން މިމުބާރާތަށް ޖަޖުން ހަމަޖައްސާފަ ތިބީ. ޖަޖުންނަކީ ކުޑައިއްބެ، ޝަހުބާން، އަބްދުއްރައޫފް، ރޯނު ހަސަން މަނިކް" ވަގުތު ނޫހަށް މައުލޫމާތު ދެއްވަމުން މުބާރަތް އިންތިޒާމް ކުރެއްވުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ވިދާޅުވިއެވެ.

"މުބާރާތުގަ ބައިވެރިވި ކުދިންގެ އަދަދާއި މުބާރަތް ކުރިއަށްދިޔަ ގޮތާއި ބަލާފައި އެންމެ ރަނގަޅަށް ގެންދުވުނު މުބާރަތް ކަމަށް ދެކެނީ އެހެން އަހަރުތަކާއި އަޅާބަލާއިރު" އޭނާ އިތުރަށް ބުނެފައިވެއެވެ.

އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ހަމަޖެހިފައިވާ މި މަދަޙަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުމާލެވިގެން ކުރިއަށް ގެންދެވުނު މުބާރާތެކެވެ.

މިއީ އަލްކައުންގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ހަތަރުވަނަ މަދަހަ މުބާރާތް ކަން ފާހަގަކޮށްލެވެއެވެ.