ހދ.ނޮޅިވަރަންފަރަކީ ވެސް ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައި ގުދުރަތީ ރީތިކަމުގެ ގޮތުން މުއްސަނދި ރަށެކެވެ. އެރަށުގެ ރީތިކަމުގެ ވާހަކައަކީ މީސް މީޑިއާގައިވެސް ބާރަށް ދެކެވެމުން އަންނަ ވާހަކައެކެވެ. ނޮޅިވަރަންފަރަށް ލިބިފައިވާ ގުދުރަތީ ފުރިހަމަކަމުގެ ތެރެއިންވެސް އެރަށުގެ އަތިރިމައްޗާއި މޫދަށް މީހުންގެ ސަމާލުކަން ލިބެމުން އަންނަ މިންވަރު އިތުރެވެ.

ނޮޅިވަރަމްފަރުގެ ޒުވާނުން އިސްނަގައިގެން މިވަނީ އެރަށުގެ އަތިރިމަތި ސާފްކޮށް، "ރުއްގަނޑު ބީޗްގެ" ނަމުގައި އަތިރިމަތީގައި އިށީންދެވޭނެ ގޮތަށް، އަދި ދަތުރު ދިއުމާއި އާއިލީ އެއްވުންތަކަށް ގޮސްލުމަށް ހާއްސަކޮށްގެން ބީޗެއް ހަދާފައެވެ.

ރުއްގަނޑު ބީޗް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނެއް ކަމަށްވާ މުހައްމަދު އަހުމަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިއީ ރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. މުހައްމަދު ބުނީ އެ މަސައްކަތުގައި ގާތްގަނޑަކަށް 15 މީހުން ބައިވެރިވެފައިވާކަމަށާއި، މި މަސައްކަތް ނިންމާލެވޭ ވަރުވީ އެއްމަސްދުވަހު ކެނޑިނޭޅި ކުރި ބުރަ މަސައްކަތަށް ފަހު މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

މުހައްމަދު ބުނީ މި މަސައްކަތް ފަށާފައި ވަނީ އެހާ ބޮޑަށް ބީޗް ސާފުކޮށް އިށީންނާނެ ތަންތަން ހެދުމުގެ ގޮތުގައި ނޫން ކަމަށާއި، އެންމެ ފުރަތަމަ ހަމައެކަނި ބެލީ މޫދު އުނދޯއްޔެއް ޖެހޭތޯ ކަމަށެވެ. އެ ވިސްނުން ފުޅާވަމުން އައިސް އަތިރިމަތީގައި އިށީންނާނެ ބޮޑު އުނދޯއްޔާއި، އުނދޯލި، ޖޯލިފަތީގެ އިތުރުން މޭޒާއި ގޮނޑިވެސް ވަނީ ޖަހާފައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ވިސްނީ މިރަށަކީވެސް ފުދޭ ވަރަކަށް މޫދާއި، ގޮނޑުދޮށާއި ހުރިހާތަނެއް ރީތި ރަށަކަށް ވީމަ މިކަހަލަ ވަގުތެއްގައި، މިއީ އެންމެ ރަނގަޅު ދަނޑިވަޅޭ މިކަން ކުރަން." ރުއްގަނޑު ބީޗް ހެދުމުގެ ވިސްނުން އެންމެ ފުރަތަމަ އައިގޮތް ކިޔައިދެމުން މުހައްމަދު ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ބީޗް ހަދާފައި ވަނީ، ބަޔަކު ސާފްކުރަމުން އަންނަ މަގެއްގެ ކޮޅުގައެވެ. އަދި އެ މަގު އޮންނަނީ ރުއްގަނޑުތަކުގެ ތެރެއިން ކަމަށްވާތީ މުޅި ސަރަހައްދަކީވެސް ހިޔާވެފައި އޮންނަ ސަރަހައްދެއް ކަމަށާއި، އެހެން ކަމުން އެތަނަށް ކުޑަކުދިން ގޮވައިގެން ވެސް މޫދަށް އެރުން ފަދަ ކަންކަމުގައި ދެވިދާނެ ކަމަށް މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ މި އަތިރިމައްޗަކީ ރަށުގެ ހުރިހާ ރައްޔިތުންނަށް ޒުވާނުންގެ ފަރާތުން ދިން ހަދިޔާއެއް ކަމަށެވެ. މިތަނަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ގޮސް މަޖާކޮށްލެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަަމަށް އޭނާ ދެކެއެވެ. އޭނާ އިތުރަށް ބުނީ މިތަނުގެ ކުނި މެނޭޖްކުރާނެ އިންތިޒާމްތައްވެސް ހަމަޖެހިފައިވާކަމަށާއި، އެހެން ކަމުން އަތިރިމަތި އަބަދުވެސް ސާފްތާހިރުކޮށް ބޭއްވުމަށް އެދޭ ކަމަށެވެ.