ބޯކޮށް ވާރޭ ވެހި ގދ.ރަތަފަންދޫއަށް ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ރަތަފަންދޫގެ ބައެއް ގެތަކާއި އާންމު ހިދުމަތްދެމުން އަންނަ ތަންތަނަށް ގެއްލުންވަމުން އަންނަ ކަމަށެވެ.

ގެތަކާއި އާއްމު ހިދުމަތްދޭ ތަންތަނަށް ފެންވަދެ ގެއްލުންވަމުންދާތީ އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:00 ޖެހިއެހާކަންހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެތަންތަަނަށް ފެންވަންނަމުންދާތީ އެމްއެންޑީއެފް އިން އެހީތެރިވަމުން އަންނައިރު، އެތަންތަނުގެ ތެރެއިން ފެން ހިއްކުމަށް އަންނަނީ ޕަންޕު ބޭނުންކޮށްގެންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ރަށަށް ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނު 10 ޖެހުމާއިހަމައަށް ދިޔައީ ބޯކޮށް ވާރޭވެެހެމުންނެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެެވެ.