ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ދާދި ފަހުން އައްޔަން ކުރެއްވި ޑރ.އަބްދުﷲ މައުސޫމްގެ ގާނޫނީ ހުވައާ މެދު ސުވާލު އުފައްދައި އަލުން ހުވާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީން ލަފާ ދޭން ނިންމި މައްސަލާގައި ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ޑރ.މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމްގެ ހުވައާ މެދު އެންމެ ފުރަތަމަ ސުވާލު އުފެއްދެވީ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ. އޭގެ ފަހުން މަޖިލީހުގެ ބައެއް އެހެން މެންބަރުން ވެސް އެކަމާ މެދު ސުވާލު އުފެއްދެވިއެވެ.

އެއީ މައުސޫމް ވަޒީރު ކަމުގެ ހުވާ ކުރެއްވިއިރު ވިޔަފާރި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ކަމަށް ވިދާޅުވެއެވެ. ވަޒީރު ކަމުގައި ހުންނަވާއިރު ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް ވަޒީރު ކަމުގެ ޝަރުތުތަކުގެ ގޮތުގައި ގާނޫނު އަސާސީގައިވާ ކަންކަމުގައި ވިޔަފާރިވެރިއަކަށް ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައެއް ނެތެވެ.

"ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޑރ.މައުސޫމް ވިދާޅުވީ، އޭނާގެ ވަނަވަރަކީ އާންމު ގޮތެއްގައި ދޫކޮށްލެވިފައިވާ ވަނަވަރެއް ކަމަށެވެ. ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނަވަރު ފޮނުވާފައިވާނެ ކަމަށެވެ. ވަނަވަރަށް ބަދަލެއް އައސިްފައިވާ ކަން ވެސް މިހާރު ސާފުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ވަޒީރު ކަމުގެ ހުވައާ މެދު ގާނޫނީ ސުވާލުތަކެއް މަޖިލީހުގެ ބައެއް މެންބަރުން އުފައްދަވައި، އަލުން ދެވަަނަ ފަހަރަށް ހުވާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަޖިލީހުން ލަފާ ދެއްވަން މަޖިލީހުގެ ކޮމިޓީން ނިންމި މައްސަލާގައި ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ތިކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކުރާކަށް ބޭނުމެއް ނޫން. އަޅުގަނޑުގެ ސީވީ ޔަގީނުން ވެސް ލިންކްޑައިންގައި ކުރިން ބަދަލެއް ނުކުރަން. ފަހުން ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެފައި އެ މައުލޫމާތު ބަދަލުކޮށްފައި ހުންނާނެ،" މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މައުސޫމް އައްޔަން ކުރެއްވީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކޮށް ހަމަ އެ ދުވަހު އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ވަގުތީ ގޮތުން މިނިސްޓްރީ ހަވާލުކޮށްފައި އޮންނަތާ މަސް ދުވަސް ވެސް ވެގެން ދިޔަ ފަހުންނެވެ.

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން މައުސޫމް ހުންނެވީ، މި ސަރުކާރުން އައްޔަން ކުރެއްވި ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގައެވެ. ސަފީރުކަމުގެ މަގާމަށް މައުސޫމް ވަޑައިގެންނެވީ ފެބުރުއަރީ 18، 2019 އިގައެވެ.

މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހުމަދުކަލޯ

    ދެން އޭނާ ވަކި ކީކޭތަ ބުނާނީ ދޯ؟ ރައިސް ވިދާޅުވި ގޮތެއް އޭނާ ހަދާނެއެއްނު ތޯއްޗެއް

  2. ދަންމަރު

    ޤާނޫނު އަސާސީ މާނަކުރަން ޖެހެނީ މަފުހޫމަށް, ދޭބަލަ، ސްޕްރީމް ކޯޓުން ސާފުކޮށްދޭނެ. ރަސްމީ ބަންދު ދުވަސްތަކުގައިވެސް ވަޒީރުން އައްޔަން ކުރެވެންޖެހޭނޭ. އެޤްޒެކެޓިވް ބޮޑީގެ ކޮންޓިނިއުޓީ އަށް.

  3. ހަވަރު

    ހުވާކުރާއިރު ވަގުތުން (ޓިނު ނަގައިގެން އޮފީސް ތަކަށް ނުވަދެ ) ހުރިހާ ރެކޯރޑް ތައް ކްލިއަރ ކުރުމަކީ އެޤްޒެކިއުޓް ކުރެވޭނޭ ކަމެއްތަ؟ނޭނގެންޏާ ވަޒީރުން ވިޔަފާރި ކުރުމުގެ މަފުޙޫމް ސްޕްރީމް ކޯޓުން ސާފުކުރަން ވީނު.

    7
    1
  4. ޝާން

    މިވަރުގެ މީހުންނަށް ވަޒީރުކަން ދޭން ހެޔޮނުވާނެ. ރައްޔަތުންނަށް ޖަވާބުދާރީ ވާންވީމަ ތަކުރަރުކޮށް މިބުނަނީ ތިސުވާލަށް ކޮމެންޓް ނުކުރާނަމޭ! ސުވާލަށް ކޮމެންޓް ކުރާކަށް ނުޖެހޭނެ އަމިއްލަ ކުންފުނި ހިންގަންހުރިނަމަ.

    5
    1
  5. ޝާން

    ރައްޔަތުންގެ ޓެކްސް ފައިސާއިން މުސާރަދީފަ ރައްޔަތުންގެ ހާދިމަށް ހުންނަންޏާ ކޮންމެ ސުވާލަކަށް ވެސް ޖަވާބުދޭންޖެހޭނެ. ތިއީ މައިން ބަފައިންގެ ތަރިކަމުދަލުން މުސާރަ ނަގައިގެން ހުންނަ މަގާމެއްނޫން.

  6. އޮޅުވާލި ވޯޓު

    ކޮމްމެހެން އިސްލާމީ ށަރިއަތުގަ ވާހުކުމެއް އެމީހުނަކައް މުހިމްމެނުވާނެ ދެން ގާނޫނު އަސާސީގަ ބުނާ ހުވާ އަމުދުން ކަމަކު ނުދާނެތާ

  7. ގުރޭޝާ

    ދެން ވެލި ލައިގެން ހުވާ ކޮއްބަލަ.

    4
    1