ރާއްޖޭގެ ރަށްރަށުގެ ބިންތައް ބޭނުން ކުރާ ގޮތުގެ ޕްލޭންތައް ނުވަތަ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހުށަހެޅުއްވި ބިލްގައިވާ ގޮތުން، އެ ބިލްގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ބިންތައް ބޭނުން ކުރާނެ ގޮތް ޕްލޭންކޮށް ތަރައްގީ ކުރުމުގައި އިދާރީ ދާއިރާތައް ލާމަރުޒީކޮށް ތަރައްގީ ކުރުމަށް މަގުފަހިވާނެ ގޮތަކަށް ސިޓީ އާއި ރަށްރަށުގެ ބިން ޕްލޭންކޮށް ހިންގުމާ ގުޅޭ އުސޫލުތައް ގާނޫނަކުން ކަނޑައެޅުން ކަމަށެވެ.

ހާއްސަ ސިނާއީ މަސައްކަތްތަކާ ގުޅޭ ގޮތުން ބިން ޕްލޭންކޮށް ހިންގުމާ ގުޅޭ އުސޫލުތައް ގާނޫނަކުން ކަނޑައެޅުމާއި، ބިން ތަރައްގީ ކުރުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، ބިން ތަރައްގީ ކުރާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ގާނޫނީ ނިޒާމެއް ގާއިމް ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ވެސް ބިލްގެ ބޭނުމެއްގެ ގޮތުގައިވެއެވެ.

ޕްލޭނިން އޮތޯރިޓީއާއި ޕްލޭނިން އެސެސްމަންޓް ކޮމިޓީ

ބިންތަކުގެ ޕްލޭންތައް އެކުލަވާލުމާއި ޕްލޭނިން ސިޔާސަތުތައް ކަނޑައެޅުމަށް ޕްލޭނިން މިނިސްޓަރަށް ލަފާ ދިނުމަށް އެ މިނިސްޓްރީގެ ދަށުގައި "ނޭޝަނަލް ޕްލޭނިން އޮތޯރިޓީ" ގެ ނަމުގައި އޮތޯރިޓީއެއް އުފައްދަން ޖެހޭނެ ކަމަށް ބިލްގައިވެއެވެ. އެއީ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކަމަށް ބިލްގައިވެއެވެ.

ނަމަވެސް އެއީ މުޅިން އާ އޮތޯރިޓީއެއް ނޫނެވެ. ބިލްގައިވާ ގޮތުން އެއީ މިހާރު ވެސް ޕްލޭނިން މިނިސްޓްރީގެ ދަށުގައިވާ ލޭންޑް ޔޫސް ޕްލޭންގެ ޑިޕާޓްމަންޓް އެ އޮތޯރިޓީއަށް ބަދަލު ކުރަނީއެވެ. ބިލް ގާނޫނަކަށްވުމާއެކު، އެ ޑިޕާޓްމަންޓްގައިވާ އެންމެހާ މުވައްޒަފުންނާއި ވަސީލަތްތައް އާ އޮތޯރިޓިއަށް ބަދަލުވެގެން ދާނެއެވެ.

ޕްލޭނިން އޮތޯރިޓީގައި މިނިސްޓަރަށް ލަފާ ދިނުމަށް ޕްލޭނިން އެސެސްމަންޓް ކޮމިޓީއެއް އެކުލަވާލަން ވެސް ބިލްގައިވެއެވެ. ނުވަ މެންބަރުންގެ މައްޗަށް އެކުލަވާލަން ޖެހޭ އެ ކޮމިޓީއަށް މެންބަރުން އައްޔަންކޮށް ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކޮމިޓީގެ މެންބަރު ކަމުގައި މެންބަރަކަށް ހުރެވޭނީ ފަސް އަހަރުގެ އެއް ދައުރަކަށް ކަމަށް ބިލްގައިވެއެވެ.

ކޮމިޓީގައި ތިބޭނެ މެންބަރުންނަކީ މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި، ފިޒިކަލް ޕްލޭނިން ނުވަތަ އާބަން ޕްލޭނިން ދާއިރާގެ ބޭފުޅަކާއި، އާކިޓެކްޗާ ނުވަތަ ސިވިލް އިންޖިނިއަރިން ދާއިރާގެ ބޭފުޅަކާއި، ތިމާވެށި ނުވަތަ ސަސްޓެނައިބިލިޓީގެ ދާއިރަގެ ބޭފުޅަކާއި، ހެރިޓޭކް ނުވަތަ ކޮންސަވޭޝަންގެ ދާއިރާގެ ބޭފުޅެކެވެ.

އިގްތިސާދު ނުވަތަ މާލީ ދާއިރާގެ ބޭފުޅަކާއި، ރިއަލް އެސްޓޭޓް މެނޭޖްމަންޓް އެންޑް ވެލުއޭޝަންގެ ދާއިރާގެ ބޭފުޅަކާއި، ބޯހިޔާވަހިކަން ނުވަތަ އިޖްތިމާއީ ދާއިރާގެ އިިމްލުގެ ދާއިރާގެ ބޭފުޅަކާއި، ޕްލޭނިން ދާއިރާ ތަމްސީލު ކުރާ އަމިއްލަ ޖަމިއްޔާގެ މެންބަރެއް ވެސް ކޮމިޓީގައި ތިބެން ޖެހޭނެ ކަމަށް ބިލްގައިވެއެވެ.

ޕްލޭނިން އިދާރާތަކާއި ފަސް ބާވަތެއްގެ މާސްޓާ ޕްލޭން އެކުލަވާލުން

ބިލުގައިވާ ގޮތުން ޕްލޭނިން އިދާރާތަކުގެ ގޮތުގައި ބަލަނީ ޕްލޭނިން މިނިސްޓްރީ އާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި މީހުން އާބާދު ކުރުމުގެ މަޝްރޫއުތައް ޕްލޭން ކުރާ އިދާރާތަކާއި ސިނާއީ މަޝްރޫތައް އެކުލަވާލާ އިދާރާތަކާއި ފަތުރުވެރިކަމާއި އިގްތިސާދީ ހާއްސަ ސަރަހައްދުތައް ތަރައްގީ ކުރުމަށް އެކުލަވާލާ އިދާރާތަކެވެ.

މި އިދާރާތަކުން ފަސް ބާވަތެއްގެ އާބަން ޑިވެލޮޕްމަންޓްގެ ޕްލޭނިން އެކުލަވާލެވޭނެ ކަމަށް ބިލްގައިވެއެވެ.

ފުރަތަމަ ބާވަތަކީ ރީޖަނަލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭންއެވެ. މިއީ ރާއްޖެ ލާމަރުކަޒީ ގޮތުން ތަރައްގީ ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތުގެ ދަށުން ކަނޑައެޅޭ ސަރަހައްދުތަކަކަށް ތައްޔާރު ކުރާ ޕްލޭންތައް ކަމަށް ބިލްގައިވެއެވެ.

ދެވަނަ ބާވަތަކީ ސިޓީ ޑިވެލޮޕްމަންޓް މާސްޓާ ޕްލޭންއެވެ. މިއީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށް ނުވަތަ ސަރަހައްދަކަށް ލޭންޑް ޔޫސް ޕްލޭން ހިމެނޭ ގޮތުން ތައްޔާރު ކުރާ ޕްލޭންތައް ކަމަށް ބިލްގައިވެއެވެ.

ތިން ވަނަ ބާވަތަކީ އައިލެންޑް ޑިވެލޮޕްމަންޓް މާސްޓް ޕްލޭންއެވެ. މިއީ މީހުން ދިރިއުޅޭ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކާއި އެ ރަށްރަށުގެ އިހްތިސާސްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ހިމެނޭ ގޮތަށް ލޭންޑް ޔޫސް ޕްލޭން ހިމަނައި ތައްޔާރު ކުރާ ޕްލޭންތައް ކަމަށް ބިލްގައިވެއެވެ.

ހަތަރު ވަނަ ބާވަތަކީ އާބަން ޑިވެލޮޕްމަންޓް މާސްޓާ ޕްލޭންއެވެ. މިއީ ވަކި މަޝްރޫއެއް ނުވަތަ ވަކި ހާއްސަ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސަރަހައްދަކަށް ތައްޔާރު ކުރާ ޕްލޭންތައް ކަމަށް ބިލްގައިވެއެވެ.

ބިން ބޭނުން ކުރެވޭނީ އޮތޯރިޓީން ޕްލޭން ފާސްކުރުމުން

ރަށްރަށާއި ސިޓީތަކުގެ ބިންތައް ބޭނުން ކުރާނެ ގޮތުގެ ޕްލޭންތައް ސިޓީ ނުވަތަ ރަށު ކައުންސިލްތަކުން އެކުލަވާލައި ޕްލޭނިން އޮތޯރިޓީއަށް ފޮނުވަން ޖެހެއެވެ. ޕްލޭނިން އޮތޯރިޓީން ޕްލޭން ފާސްކުރުމުން އެ ގޮތަށް ބިން ބޭނުން ކުރުމުގެ މަސައްކަތް ފެށޭނެއެވެ.

މީގެ އިތުރުން ޕްލޭނިން މިނިސްޓްރީ އާއި މީހުން އާބާދު ކުރުމުގެ މަޝްރޫއުތައް ޕްލޭން ކުރާ އިދާރާތަކާއި، ސިނާއީ މަޝްރޫއުތައް އެކުލަވާލާ އިދާރާތަކާއި، ފަތުރުވެރިކަމާއި އިގްތިސާދީ ހާއްސަ ސަރައްހަދުތައް ތަރައްގީ ކުރުމަށް އެކުލަވާލާ އިދާރާތަކުން ތައްޔާރު ކުރާ ޕްލޭންތައް ވެސް ޕްލޭނިން އޮތޯރިޓީއަށް އެ ޕްލޭނެއް ފާސްކުރަން ފޮނުވަން ޖެހޭނެއެވެ.

އަމިއްލަ ފަރާތަކުން ނުވަތަ ކުންފުންޏަކުން ބިމެއް ބޭނުން ކުރަން ބޭނުންވާ ނަމަ އެ ކަމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނެއެވެ. އެއީ ރަށެއް ނުވަތަ ސިޓީއެއް ނަމަ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ. އެހެން ހާއްސަ ސަރަހައްދެއް ނަމަ އޮތޯރިޓީއަށެވެ. ހުއްދަ ދިނުމުން ބޭނުން ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި އެ ޕްލޭންއެއް ވެސް ފޮނުވަން ޖެހޭނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ އާބަން ޕްލޭނިންގެ ފަންނުވެރިން އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެއެވެ. ބިލްގައިވާ ގޮތުން ޕްލޭނިންގެ މަސައްކަތްތައް ހަވާލުކޮށް އެ މަސައްކަތްތައް ކުރެވޭނީ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ޕްލޭނިން ގާނޫނާ ހިލާާފުވާ ފަރާތްތަކަށް ޖޫރިމަނާއެއް

ޕްލޭނިން ގާނޫނާ ހިލާފުވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ 15،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު އޮތޯރިޓީއަށް ލިބިގެންވާ ކަމަށެވެ. ގާނޫނީ ޝަހްސެއްނަމަ 30،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ޕްލޭނިން އިދާރާއެއް ނަމަ 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ގާނޫނާ ހިލާފު އަމަލެއް ތަކުރާރުކޮށްފި ނަމަ، އަމިއްލަ ފަރުދެއް 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައިވެއެވެ. ގާނޫނީ ޝަހްސެއްނަމަ 100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުން

    މިހާތަނަށް ލޭންޑް ޔޫސް ޕްލޭން ނެހެދި ހުރި ހުރިހާ ރަށެއްގެ އެ ރަށެއްގެ މުޅި އިޚްތިސާަސް ހިމެނޭ ބިމާއި ފަރާއި ފަޅު ހިމެނޭ ގޮތަށް، މިގާނޫނު ގާނޫނަކަށްވާތާ 1 އަހަރު ތެރޭގައި ލޭންޑް ޠޫސް ޕްލޭން ހަދާ ނިންމުމަށް ހިމެނިފައި އޮންނާނޭ ނަމަ

  2. ިބޯކިބާ

    ރަށްރަށަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ. ތާހިރުވެއްޖެއެއްނު.